ނޮޅިވަރަމުގެ ކަނޑޫފާގައި ހެދިފައިވާ ކަނޑޫ އާއިލާގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން އެތަނުގެ ފެހިކަން ގެއްލެމުންދާތީ އެތަން އިތުރަށް ފެހިކޮށް ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކުރުމުގެ ގޮތުން އެ ބާވަތްތަކުގެ ގަސް މުޑުވަށްކޮށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް 18 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ދުވަހު ވަނީ އެ ރަށުން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވާ ބޮނޑަވަކި ގަހުގެ 200 އަށްވުރެ ގިނަ ގަސް އިންދާފައެވެ. މި ގަސްތައް އިންދާފައިވަނީ އެރަށުގެ ކަނޑޫފަލާއި ޗަކަބިންތައް ހިމެނޭ ޝަރަހައްދުތަކުގައެވެ.
މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނަކު ބުނީ މިއަދު އިންދާފައިވަނީ އެރަށު މީހުން ކިޔާގޮތުން ނަމަ "ބޮޑު ވަކި" ކަމަށެވެ. މިއީ ރާއްޖެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ކަނޑޫ ގަހެކެވެ.

ނޮޅިވަރަމުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ އެރަށުގެ ކަނޑޫފާ މަރުވަމުން ދާދިޔުމަށް ހައްލު ހޯދުމުގެ އިތުރުން ނެތެމުންދާ ބާވަތުގެ ގަސްތައް އިންދައި އާލާކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތްތަނުގައި ކަނޑުލުގެ އެކި ބާވަތްތަކާއި ފުނަފަދަ ތަކެތި މުޑުވަށްކޮށް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަކަށް އައިސް އުތުރުގެ ތިން އަތޮޅަށް ނިސްބަތްވާ ގިނަ ރަށްތަކެއްގެ ކަނޑޫފާތައް ދަނީ މަރުވަމުންނެވެ. މިގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫ، ހދ.ނޮޅިވަރަމް، ހދ. ވައިކަރަދޫ، ހއ. ކެލާގެ ކަނޑޫފާ ދަނީ މަރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!