މިއަދު ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ 1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓޭނީ މިހާރުގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެއްދިގެންކަން ކަމަށާއި އަދި އެގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޤައުމީ ޒިންމާ އަދާކޮށްގެން ކަމަށެވެ.
ޤައުމީ ދުވަހުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިފަދަ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަންޖެހޭ އެންމެ މުހިންމު ޤައުމީ ވާޖިބަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އައުކުރުމާއި, ބޮޑުތަކުރުފާނާއި އަދި އެކި ދުވަސްވަރު، ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޤުރްބާންވެވަޑައިގެންނެވި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ ބަޠަލުންނަށް ހެޔޮ ދުޢާކުރުންކަމުގައެވެ.
ހަމަ އެހެންމެ މިއަދުވެސް ދިވެހިންނަށް ލިބޭ ފަޚުރާ ހިތްހަމަ ޖެހުމަކީ ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ދިފާޢުގައި ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ޤައުމުގައި ސާބިތުވެ އޮތުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ މިއަދުގެ ވާހަކަ ފުޅުގައިވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަމުންދާ މުހިންމު އެއް ސިޔާސަތަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް, ދެމެހެއްޓުން ކަމަށް ވިދާޅުވެފައި އެވެ. އަދި ހުރިހާ ޤައުމަކާއެކު ވެސް ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން ފުރަތަމަ ކަމަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަމަށާއި, އަދި ދެވަނަ ކަމަކީ, އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޅެން ބަހުން ޤައުމީ ދުވަހުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައި އެވެ.
ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަން.
" ދިވެހި ދައުލަތަށް ނަޞްރުވެރި ޢިއްޒަތޭ،
ދިވެހި އުންމަތަށް ދާއިމީ އަމަނެކޭ،
ދިވެހި ކާބަފައިންނަށް އިތުރު ނިޢުމަތޭ،
ދިވެހި ޤައުމު އަބަދަށް ކުރާށޭ ހަނދާން"
— Ibrahim Mohamed Solih (@ibusolih) October 18, 2020
ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންދިޔަތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްކަމުގައިވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!