ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއްލައި، 91.44 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 615 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓްޖަހާ، 1110 ސްކޮއަރ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބުލޮކްސް އެޅުމާއި، 12 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 44.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!