މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ހެދުމަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުގެ އިތުރުން މަޝްހޫރު ޤާނޫނު ވަކީލު ޢަލީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޢަލީ ވިދާޅުވީ މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ގާނޫނުތަކަށް ގެންނަން ހުށަހަޅާ ފައިވާ ބަދަލުތަކަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.
"ނަޒާހަތްތެރި ކަމަކީ އާންމުކޮށް ގާނޫނަކުން ކަނޑައަޅާފައި ހުންނަ މިންވަރަށްވުރެ ސުލޫކީ ގޮތުން މަތީ މިންގަނޑެއް. އަޅުގަނޑުމެން ނަޒާހަތްތެރި މަޖިލީހަކަށް މަޖިލީސް ހަދާނެ ކަމުގެ ވަޢުދާއި އަހުދު ރައްޔިތުންނަށް ވެގެން މަޖިލިސްއަށް އިންތިޚާބު ވެފައި މިތިބީ، އެހެންވީމަ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލިސްއަކުން އެއްގޮތަކަށް ވެސް ކުރާ ކަހަލަ ކަމެއްނޫން މީ"
ޢަލީ ވިދާޅުވިއެވެ.
މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން.
— Ali Hussain (@AleeVoice) August 23, 2020
މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ހެދުމަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށް ޢަލީ ވިދާޅުވި އިރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ވަނީ ނިންމާފައި އެވެ.
މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނާއި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނަށް ވިޔަފާރި ކުރެވޭ ޤާނޫނުތަކަށް އިސްލާޙް ގެންނަން ކޮމެޓީތަކުން ވަނީ ފާސްކޮށްފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އަދި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިނިވަން މުއައްސަސާ ކޮމިޓީއިންނެވެ. ބަދަލުތަކާއެކު އިއްޔެ އެ ބިލުތައް ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.
މިނިވަން މުއައްސަސާ ކޮމިޓީއިން ތިން ބިލަށް ވަކިވަކިން ވޯޓަށް އަހާ ފާސްކުރި އިރު ތިން ބިލުގައިވެސް ހިމަނާފައިވަނީ އެ ކޮމިޝަންތަކުގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މައްސަކަތްތަކާ ގުޅޭ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ކުރެވޭނެ ކަމަށެވެ. އެެހެން ނަމަވެސް، އެ ކޮމިޝަނެއްގެ މެމްބަރުންގެ ދާއިރާ ނުގުޅެނީ ކޮން ކޮން ވިޔަފާރިއެއް ކަމެއް ބިލަކުން އެނގޭކަށް ނެތެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނު އިސްލާހު ކުރިއިރު ޖުޑިޝަރީ ކޮމިޓީއިންވެސް އިއްޔެ ވަނީ ހަމަ އެއް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހަމަ އެ އިސްލާހުތައް ހިމަނައިގެން މާލިއްޔަތު ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހުތައް ތަޅުމުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ ޕީޖީއަށާއި، އޮޑިޓާ ޖެނެރަލަށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. ނަމަވެސް އެ އިސްލާހާއެކު، ވިޔަފާރި ކުރުމުގެ ޖާގަ އޮޑިޓާ ޖެނެރަލްއަށް އޮތް ނަމަވެސް، އަމަލީ ގޮތުން ވިޔަފާރީގައި ބައިވެރި ނުވެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ހިއުމަންރައިޓް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.
އެ ކޮމިޝަންތަކުގެ ގާނޫނުތައް މިހާރު އޮތް ގޮތުން މެމްބަރުންނަށް އެއްވެސް ވިޔަފާރިއެއް ކުރުމުގެ ފުރުޞަތެއް ނޯވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!