ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ.
އެމީހުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔައީ މިރޭ 9:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ މީހުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔައީ ކަނޑު ގަދަވުުގެ ސަބަބުން ކުމުންދޫ ފަޅަށް ނުވަދެވިގެން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:35 ހާއިރުއެވެ. އެވަގުތުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެމީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާން ވަނީ ފަށާފައެވެ.
އެމީހުން ގެންގޮސް ދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދިޔައިރު އެސަރަޙައްދުގެ ކަނޑު ވަރަށް ގަދަ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި 7 ފިރިހެންނުންނާއި 3 އަންހެނުން ހިމެނެއެވެ. މި މީހުން ހދ. ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންނެވެ.
ހދ. މާވައިދޫއަކީ ކުރިން މީހުން ދިރި އުޅުނު ރަށެކެވެ. 1 ޖެނުއަރީ 2011 ގައި އެރަށުގެ ރައްޔިތުންވަނީ ހދ. ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!