ދިމާވާ ހާލަތްތަކުގައި ވިޔަފާރިވެރިންނަށް ވުރެ އަބަދުވެސް އިސްކުރެވެންވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެންދާނީ އެ ގައުމެއްގައި ރައްޔިތުން ތިބެގެންކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޟާ ވިދާޅުވީ މިއަދުގެ މުޖުތަމައުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްކުރަންވީ ކޮންފަރާތެއްގެ ބަހެއްކަން ނޭގި އުޅުން ކަމަށެވެ. އެގޮތުން އެއްކޮޅުގައި ވިޔަފާރިވެރިން ތިބިއިރު އަނެއްކޮޅުގައި ތިބީ ދިވެހި ރައްޔިތުން ކަމަށެވެ.

Ad
rt

އަދި މިހާލަތުގައި އިސްކުރަންވާނީ ރައްޔިތުމީހާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ސަބަބަކީ ވިޔަފާރިވެރިން ވިޔަފާރި ކުރަމުން ގެންދަނީ ރައްޔިތުމީހާގެ ބިމުގައި ނުވަތަ ރަށުގައި ކަމަށެވެ. އަދި ވަޒީފާތަކުގެ ބިލަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތައް ފާސްވެ ތަންފީޒު ކުރެވިއްޖެނަމަ އެ ބިލަކީ އޭގެ ސަބަބުން ގައުމު ވެއްޓިފައިވާ އިގްތިސާދީ އަދަވަޅުން އަރައިގަނެ މިރާއްޖޭގެ އިގްތިސާދީ ހާލަތް އެއްކޮށް ބަދަލުކޮށްލާނެ ގާނޫނެއް ކަމަށެވެެ.

އެގޮތުން ވަޒީފާގައި އުޅޭފަރާތްތަކަށް ލިބިދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ޔަގީންވެގެން ދާނެކަމަށާއި، ވޭތުވެގެން މިދިޔަ ދުވަސްތަކުގައި ވަޒީފާގެ ޔަގީންކަން ނުލިބި، ރައްޔިތު މީހާއަކީ އަބަދުވެސް އަޅެއްގެ ގޮތުގަ އަޅުމަސައްކަތް ކުރާ މީހެއްގެ ގޮތުގައި، އޮތް އޮތުމަށްވެސް މި ބިލުގައިވާ އިސްލާހުތަކުން ނިމުން އަންނާނެކަން ރިޟާވަނީ ފާހަގަކޮށްފައެވެ.

ވަޒީފާގެ ގާނޫނަށް12 ބަދަލެއް ގެންނަން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާއިރު، މި ބިލް ހެށަހެޅުމުގެ ބޭނުމަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމާއިއެކު، ބިލް ތަންފީޒް ކުރެވުމަށްފަހު ވަޒީފާ ދޭ ފަރާތާއި ވަޒީފާ ލިބިގެންދާ ފަރާތުގެ މެދުގައި ވަޒީފާގެ އެއްބަސްވުން ނެތް ކަމުގައި ވާނަމަ ވަޒީފާ ދިން ފަރާތް ޖޫރިމަނާކުރެވޭނެއެވެ.