ނޮޅިވަރަމްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މި ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާ އިންނެވެ.
މި ޕްރޮގްރާމް އާއި ބެހޭ މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ބާއްވާ ނިންމި މައިގަނޑު މަގުސަދަކީ ޖަމާއަތަށް ނަމާދަށް އަރާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖައްސާ ހެޔޮލަފާ ކުދިންތަކެއް އުފެއްދުމެވެ. މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ނިމިދިޔަ އަހަރު ޑިސެމްބަރު މަހު 16 ގައި ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 40 ދުވަހުގެ މުއްދަތަކަށެވެ. އެއީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން މާރިޗް 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ޖުމްލަ 26 ކުދިން ބައިވެރިވުމަށް ނަންނޯޓުކުރި 26 ކުދިން، އޭގެ ތޭރޭން 20 ކުއްޖަކު މި ޕްރޮގްރާމް ފުރިހަމަ ކުރީ"
ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވިއެވެ.
މިި ޕްރޮގްރާމްގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފުރަތަމަ ތަކްބީރާއެކު ޖަމާއަތުގައި ބައިވެރިވުން، މެދު ނުކެނޑި 40 ރޭ ހަމަކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރި ވެވޭނެ އުމުރުފުރާއަކަށް ނިންމީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
ޕްރޮގްރާމް ފުރިހަމަ ކުރި 20 ބައިވެރިންނަށް އިއްޔެގެ ވަނީ ހަދިޔާ ރައްދުކޮށްދީފައެވެ. އިނާމެއްގެ ގޮތުގައި ޖަމިއްޔާއިން ވަނީ ކޮންމެ ކުއްޖަކަށް ވެސް 1000/- ރުފިޔާ ދީފައެވެ.
އެ ޖަމިއްޔާއިން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގުރުއާން ހިތުން ދަސްކުރާ ކުދިންނަށް އިނާމް ލިބޭ ކަހަލަ ޕްރޮގްރާމް އެއް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށާއި އުންމީދަކީ ވީހާވެސް ގިނަބަޔަކު ބައިވެރިވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!