ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން މާލެ ސަރަޙައްދުގައި ދަމަހައްޓާފައިވާ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
އެމަނިކުފާނު މި ގޮތަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައިއެވެ.
މިކަން މަޖިލީހުގެ ބައެއް މެމްބަރުން ކަށަވަރު ކޮށްދެއްވިއެވެ. ނަމަވެސް އެ މެމްބަރުން ވިދާޅުވީ މަޖިލިސް ރައީސް އެގޮތަށް ވިދާޅުވުން ދޭހަކޮށް ދެނީ އެޗްޕީއޭގެ ހުއްދަނެތި މަޖިލިސް މާލަމުގައި ޖަލްސާތައް ނުބޭއްވޭނެ ކަން އެ މަނިކުފާނު ޤަބޫލު ކުރަށްވާކަން ކަމަށެވެ.
މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން ދެން އޮތީ ދެ ދުވަހެވެ. ސަރުކާރުން ބުނެފައި ވަނީ ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީސްކުރާ ގޭގައި ބޭއްވުމަށް ނިންމާފައިވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް އެ ސެންޓަރުން ވަނީ މިރޭ ބުނެފައެވެ.
މާދަމާ މަޖިލިސް ޖަލްސާ މަޖިލިސް ކުރާގޭގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާއިރު އެ ކަމަށް އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހިމެނޭ ހާއްސަ އުސޫލެއް ވެސް މަޖިލީހުން ވަނީ ކަނޑައަޅާފަ އެވެ.
ކޯވިޑް-19 އަކީ “ޕެންޑަމިކް” އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައިވާއިރު ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ފާހަގަ ކުރަށްވައި، 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖެގައި ހިންގާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ވަނީ މަތިކޮށްފައެވެ. ފުރަބަންދަކީ އެފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ.
މިހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވާ ނިންމެވުންތަކާއި، އަންގަވާ އެންގެވުންތަކަށް ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި، ރައްޔިތުން ބޯލަބަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!