"ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް"ގެ ނަމުގައި މަހަލްދީބް ފައުންޑޭޝަނު ކާބޯތަކެތީގެ ޕެކޭޖެއް ފޯރުކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ފަށައިފި އެވެ.

މިއީ މަހަލްދީބް ފައުންޑޭޝަނުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކަށް ހިލޭ ސާބަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ ނިންމާފަ އެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުންނެވެ.

1. އެކަނިވެރި މައިން (އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލަމުންދާ އެކަނިވެރިން މައިން)

2. ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ އާއިލާތައް (ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކަންކަމުގައި ބައިވެރިވެ އުޅުމާއި، ހަރަކާތްތެރިވެ އުޅުމުގައި ދަތިތަކެއް ދިމާވާ ފަރާތްތައް ހިމެނޭ އާއިލާތައް)

3. ޔަތީމުން ބަލާ އާއިލާތައް (ބައްޕަ ނިޔާވެފައިވާ އުމުރުން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ އާއިލާތައް)

4. ދަށް އާމްދީ ލިބޭ އާއިލާތައް (ގޭބިސީއެއްގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު 1300ރ އަށްވުރެ މަދު ނުވަތަ ގޭބިސީތަކަށް ލިބޭ ޖުމުލަ އާމްދަނީގެ 80 ޕަސެންޓު ކުއްޔާއި ބޭސްފަރުވާއަށް ހަރަދުކުރާ އާއިލާތައް)

މަހަލްދީބް ފައުންޑޭޝަނުން މަޢުލޫމާތު ދިންގޮތުގައި މިއީ މި މަޝްރޫއު ހިންގާތާ ފަސްވަނަ އަހަރު ކަމަށާއި އެ ޖަމިއްޔާގެ ދަފްތަރުގައި މިހާރު ވެސް 250 އާއިލާއެއް ރަޖިސްޓްރީވެފައިވާ ކަމަށެވެ.

މި އާއިލާތަކުގެ ހާލަތު ލިޔެކިޔުންތަކުގެ އެހީގައި ކަށަވަރުކޮށްފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މިނިސްޓްރީއިން ވެސް އެކަން ބަލައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެން ނަމަވެސް އިތުރު އާއިލާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ދުވަސްވަރު ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 340 އަށްވުރެ ގިނަ އާއިލާއަކުން 2000އަށް ވުރެ ގިނަ މީހުންނަށް ތިންލައްކަ ރުފިޔާއަށްވުރެ އަގުހުރި ތަކެތި މަހަލްދީބް ފައުންޑޭޝަނުން ވަނީ ހަދިޔާކޮށްފަ އެވެ.

އެޖަމިއްޔާގެ އަމާޒަކީ ކުރިއަށް މި އޮތް ފިތުރު އީދު އައުމުގެ ކުރިން އެ ޖަމިއްޔާގެ ދަފްތަރުގައި ހިމެނޭ އާއިލާތަކަށް އެއްމަސް ދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

މަހަލްދީބް ފައުންޑޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ އެ ޖަމިއްޔާގެ އެމްއައިބީ އެކައުންޓް ނަންބަރު 99010155500013100 އަށެވެ.

މަހަލްދީބް ފައުންޑޭޝަނާއި ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް މަޝްރޫއާ ބެހޭ އިތުރު މައުލޫމާތު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން އަދި ޓެލެގުރާމް ޗެނެލްއިން ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.