ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އަނެއްކާ ވެސް އެދިއްޖެ އެވެ.
އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ލޭ ހަދިޔާ ކޮށްދިނުމަށް އައުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށާއި، އެކަމުގައި އެހީތެރިވުމަށް އެމްބީއެސްއިން އެދިފައިވެއެވެ.
މިހިނގާ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުވެސް އެމްބީއެސްއިން ވަނީ ލޭ ސްޓޮކް ދައްވެފައި ވާކަމަށާއި، ލޭ ހަދިޔާ ކޮށް ދިނުމަށް އެދިފައިއެވެ. ހާއްސަކޮށް ‘އޯ’ ޕޮޒިޓިވް އާއި ‘ބީ’ ޕޮޒިޓިވް ލޭ ހުރި މިންވަރު ވަރަށް މަދު ކަމަށް އެމްބީއެސްއިން އެދުވަހު ބުނެފައިވެއެވެ.
އިޖުތިމާއީ ޒިންމާއެއް ކަމަށް ދެކި އެންމެ ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަނީ ރިސޯޓުތަކުންނާއި، ކުންފުނިތަކާއި، އެކި އޮފީސް ތަކުންނާއި، އެޒިންމާ އަދާ ކުރަން ޖެހޭ ބައެއް ތިބިކަން ޤަބޫލުކުރާ ފަރާތްތަކެވެ. ނަމަވެސް އެފަރާތްތަކުން ހިންގާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކަށް މިވަނީ ކޯވިޑް-19ގެ ހިޔަނިއެޅި ލޭ ލިބުން ދަތިވެފައެވެ.
އެތައް ކުދިންނެއް ދިރި ތިބުމަށް ލޭ ބޭނުންވެއެވެ. ރާއްޖޭއަކީ ނިސްބަތުން ލޭ އަޅާ ކުދިން ގިނަ ޤައުމަކަށްވީ ހިނދު މި ދަނޑިވަޅުގައި ލޭ އަޅާ ކުދިންގެ ޢާއިލާތައް، ޑޯނަރުން ހޯދުމަށް އާދޭސްކޮށް އަތްފުނާ އަޅަން ޖެހިފައި ވުމީވެސް ހިތާމަ ހުރި ކަމެކެވެ. އެސަބަބަށް ޓަކައިވެސް ލޭ ހަދިޔާ ކޮށްދެއްވާށެވެ.
ލޭގެ ސްޓޮކަކީ ލޭ އަޅާ ކުދިންގެ އިތުރުން، މާބަނޑު މީހުން ސިޒޭރިއަން ހަދަން ދިމާވާ ހާލަތާއި، އެކި ސާޖަރީތައް ހަދާ ހާލަތާއި، އެނޫންވެސް އެކި ހާލަތްތަކުގައި ބޭނުންކުރާ، އެތައް ބަޔެއްގެ ފުރާނަޔާއި ގުޅިފައިވާ ސްޓޮކެކެވެ.
Call 3306089 between 08:00 to 15:00 to make appointment.
— leythiki (@abdulmuizhassan) April 18, 2020
މީގެ ކުރިން އެމްބީއެސް އިން ވަނީ ކޮވިޑް-19 އަށް ފަހު ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރި ކަމަށް ތިން ފަހަރަކު އެދިފަ އެވެ. އެ ފަހަރު ތަކުގައި އާންމުންވަނީ ރަނގަޅު ތަރުހީބެއްވެސް ދީފައެވެ.



ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!