މިއީ އަހުމަދު ރަޝީދުގެ އެނި އާދޭހެއް ނޫނެވެ! ރަޝީދު އެ އިއްވައިދިނީ ލޭ އަޅާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކާއި، އެކި ހާލަތު ދިމާވެ ލޭ ބޭނުންވާ އެންމެހާ ފަރާތްތަކުގެ އާދޭހެވެ!
މިއާދޭހުގައި ލޭ ހޯދައި، ރައްދު ކޮށްދީ، އެޚިދުމަތުގައި ތިއްބެވި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އެހެން މަދަދުގާރުން ޝާމިލްވާނެކަން ގައިމެވެ.
އަދި އެއްފަހަރު އާދޭސް ކުރަން.
ލޭ ހަދިޔާކުރައްވާ! ރޯގާއާ ހެދި ލޭ ލިބުން ދަތިވެއްޖެ!
މީސްމީޑިޔާގަ މިވާހަކަ ބުނެލަދީ.
ލޭ ދީފަވެސް އަތް ދޮންނާތި. @niyaf @Moxamedalu @Faisalnaifaru
— Ahmed Rasheed (@rashydahmed) March 18, 2020
ކޮވިޑް-19 ގެ ސަބަބުން، ރިސޯޓުތަކުގައި ބްލަޑް ކޭމްޕުތައް ބޭއްވުން ހުއްޓުމަކަށް އައިސް، ލޭ ލިބުން ވަނީ ދަތިވެފައި ވެފައިއެވެ. އެހެން ކަމާއިއެކު މޯލްޑިވިއަން ބްލަޑް ސާވިސް އިން ވަނީ ހަދިޔާކުރުމަށް އިލްތިމާސް ކޮށްފައެވެ.
އިޖުތިމާއީ ޒިންމާއެއް ކަމަށް ދެކި އެންމެ ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަނީ ރިސޯޓުތަކުންނާއި، ކުންފުނިތަކާއި، އެކި އޮފީސް ތަކުންނާއި، އެޒިންމާ އަދާ ކުރަން ޖެހޭ ބައެއް ތިބިކަން ޤަބޫލުކުރާ ފަރާތްތަކެވެ. ނަމަވެސް އެފަރާތްތަކުން ހިންގާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކަށް މިވަނީ ކޮވިޑް-19ގެ ހިޔަނިއެޅި ލޭ ލިބުން ދަތިވެފައެވެ.
" އަދި އެއްފަހަރު އާދޭސް ކުރަން. ލޭ ހަދިޔާކުރައްވާ! ރޯގާއާ ހެދި ލޭ ލިބުން ދަތިވެއްޖެ! މީސްމީޑިޔާގަ މިވާހަކަ ބުނެލަދީ. ލޭ ދީފަވެސް އަތް ދޮންނާތި!"
އެތައް ކުދިންނެއް ދިރި ތިބުމަށް ލޭ ބޭނުންވެއެވެ. ރާއްޖޭއަކީ ނިސްބަތުން ލޭ އަޅާ ކުދިން ގިނަ ޤައުމަކަށްވީ ހިނދު މި ދަނޑިވަޅުގައި އަޅުގަނޑުމެން ލޭ އަޅާ ކުދިންގެ ޢާއިލާތައް، ޑޯނަރުން ހޯދުމަށް އާދޭސްކޮށް އަތްފުނާ އަޅަން ދޫކޮށް ނުލަމާތޯއެވެ!
ލޭގެ ސްޓޮކަކީ ލޭ އަޅާ ކުދިންގެ އިތުރުން، މާބަނޑު މީހުން ސިޒޭރިއަން ހަދަން ދިމާވާ ހާލަތާއި، އެކި ސާޖަރީތައް ހަދާ ހާލަތާއި، އެނޫންވެސް އެކި ހާލަތްތަކުގައި ބޭނުންކުރާ، އެތައް ބަޔެއްގެ ފުރާނަޔާއި ގުޅިފައިވާ ސްޓޮކެކެވެ.
މިވަގުތަކީ އަޅުގަނޑުމެން އަތާއި އަތް ގުޅާލަންވީ ވަގުތެވެ. އެކަކު އަނެކާއަށް އެހީގެ އަތް ހުޅުވާލަންވީ ވަގުތެވެ. އެކަކު އަނެކާގެ އެހީއަށް ބޭނުންނުވާ ވަކި ގިންތިއެއް، ވަކި ފެންވަރެއްގެ މީހެއް ނެތްކަން ޤަބޫލު ކުރަށްވާށެވެ!
ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެފައިވުމުން ލޭ ބޭނުންވާ ފަރާތްތައް މާޔޫސްވާން ދޫކޮށް ނުލާށެވެ! ލޭ ހަދިޔާ ކުރުމަކީ އަޅުގަނޑުމެންނަށް ހެޔޮ ދަރުމަ ލިބޭނޭވެސް މެއެވެ! އަވަހަށް ލޭ ހަދިޔާ ކުރަށްވާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!