ލޭ ހަދިޔާ ކުރުމަށް އެކަށޭނަ ސިއްހަތުގައި ތިއްބެވި ބޭފުޅުން މިއަދު ލޭ ހަދިޔާ ކުރުމަށް ވަޑައިގެން ދެއްވުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އެދިއްޖެ އެވެ.
އެގޮތުން ލޭ ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އެމްބީއެސް މިއަދު ހެނދުނު 10 އިން މެންދުރުފަހު 3 އަށް ހުޅުވާފައި ހުންނާނެކަމަށް އެސަރވިސަސްއިން ބުންޏެވެ.
އެމްބީއެސް އިން ވަނީ އާންމު އެސްއެމްއެސްއެއް މެދުވެރިކޮށްވެސް ލޭ ދެއްވުމަށް ރައްޔިތުން ކިބައިން އެދިފައިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ހާއްސަކޮށް އޯ ނެގެޓިވް ލެ އާއި ބީ ނެގެޓިވް ލޭ ހުރި ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްބީއެސް އިން ވަނީ ހުސްވި މާރިޗް މަހުގެ 21 ވަނަ ދުވަހުވެސް ލޭ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!