ނެއްލައިދޫ ކައުންސިލުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނެއްލައިދޫ ކައުންސިލްކަޕް ގެ 9 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
ނެއްލައިދޫ ކައުންސިލް ކަޕް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ އެފްސީ ފެލްކަންއާއި މިދިޔަ އަހަރުގެ ރަނަރަޕް ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވީ އެއްވަރެވެ. ވިއްސާރައިގެ ސަބަބުން މެޗު ފެށުނީ 30 މިނެޓްފަހުންނެވެ. އަދި ދަނޑުގައި ފެން ހެދިފައިވުމުގެ ސަބަބުން ދެޓީމަށްވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނުކަން ފާހަގަކޮށްލަން ޖެހެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ނިކަ ސިޓީގެ ކެޕްޓަން އިސްމާއިލް ވަހީދަށެވެ.
މުބާރާތުގެ ފެށުމުގެ މެޗް ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ މި މުބާރާތް ތިން އަހަރު ކާމިޔާބު ކޮށްފައިވާ އެފްސީ ދުންމާރިއާއި މިސްކިތްމަގު ޔުނައިޓެޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!