ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ މަސައްކަތް ކުރުމަށް ހއ. އުލިގަމުގައި އެކުލަވާލައިފާ ޓާސްކް ފޯހުން، މިއަދު އެރަށު ރަށްޔިތުންނާއި ބައްދަލުކުރަން ނިންމައިފިއެވެ.

އުލިގަމު ކައުންސިލްގެ ޚާއްސަ އެންގުމެއްގައި ބުނެފައިވަނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންގޮސް މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅޭގޮތުން، ރަށު ޓާސްކްފޯސްގެ ފަރާތުން ރައްޔިތުންނާއި، ބައްދަލުކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންވާތީ،
12 މާރޗް 2020 ވާ ބުރާސްފަތި ދުވަހު (މިއަދު) ހަވީރު 4:30 އަށް، އެރަށު އިޖުތިމާއީ ހިޔާ ހޯލަށް ރައްޔިތު އެއްމެހާ ބޭފުޅުން
ވަޑައިގެންދެއްވުން އެދޭކަމަށެވެ.

Ad
rt

މިބައްދަލުވުމުގައި މުޙިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރުމަށް ހަމަޖެހިފައިވާތީ މިބައްދަލުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދޭކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

ކޮވިޑް-19 އަށް އުލިގަމު ރައްޔިތުން ހޭލުން ތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ، އެވައިރަސްއަށް ހޭލުންތެރިކޮށް ރަށުފެންވަރުގައި މަސައްކަތް ކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލެވިފައިވާތާ މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށާއި، އެޓާސްކް ފޯހުގެ ބައްދަލުވުންތައްވެސް ބާއްވަމުން އަންނަ ކަމަށެވެ. މިއަދު މިބޭއްވެނީ އެޓާސްކް ފޯހުން ރައްޔިތުންނާއިއެކު ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒު އިތުރަށް ވިދާޅުވީ، މިދަނޑިވަޅުގައި ރައްޔިތުން އެކުވެރިކަމާއިއެކު ތިބުން އެދޭ ކަމަށާއި، އެރަށުގައިވެސް ފިހާރަތަކުން ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަނެގެން ގެންދާމައްސަލަ ދިމާވެފައިވާތީ އެހެން އެކަން ނުކޮށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވުމަށް އެދޭކަމަށެވެ. މުއާޒް ވިދާޅުވީ ރައްޔިތުން ހާސްވެ އެފަދަގޮތަކަށް ކަން ކުރެވެނީ ރަނގަޅު ނޫން މައުލޫމާތު ބައެއް ފަރާތްތަކުން ފެތުރުމުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭ ތިބުމުން ކަމަށެވެ. މިއަދުގެ ބައްދަލު ވުމުގައި އެކަންކަމާއިބެހޭ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ދެއްވާނެ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ. އުލިގަމު ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި އެކުވެރި ރައްޔިތެއް ކަމަށްވެސް މުއާޒު ފާހަގަ ކުރެއްވިއެވެ.

މިވަގުތު އެރަށުގެ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށާއި، އާންމު ސާފު ތާހިރުކަމަށް އިސްކަންދީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ މަސައްކަތް ކުރުމަށް ހއ. އުލިގަމުގައި އެކުލަވާލައިފާ ޓާސްކް ފޯހުގައި އުލިގަމު ކައުންސިލާއި، ސްކޫލާއި، ސިއްޚީމަރުކަޒާއި، އެމްއެންޑީއެފާއި، އިމިގްރޭޝަނާއި، ކަސްޓަމްސްއާއި އަދި ފެނަކަ ފަދަ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ހިމެނި ވަޑައިގަންނަވައެވެ.

އާބާދީގައި 532 މީހުންނަށް ވުރެ ގިނަ މީހުން ތިބި އުލިގަމަކީ، ގިނަ އަދަދަކަށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ. މިވަގުތުވެސް އެރަށުގެ ބަނދަރުގައި ބޭރު 2 ޔޮޓް އެބަ އޮތެވެ. މުޅި ދުނިޔޭގައިވެސް ފުރަތަމަ ޤާއިމުކުރެވުނު “ހައިބްރިޑް އޭސީ ކަލްޕް ރެނިއުބަލް އެނަރޖީ މައިކްރޯ ގްރިޑް” ސިސްޓަމް، 7 ޖަނަވަރީ 2007 ގައި ޤާއިމު ކުރެވިފައި ވަނީވެސް ހއ. އުލިގަމުގައެވެ.