ހދ. ނޭކުރެންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖަލު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އީއައިއޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓް ހައްދައިދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ.

އެކަމާއި ގުޅިގެން ހޯމް މިނިސްޓްރީއިން ކޮށްފައިވާ ޢިއުލާނެއްގައިވަނީ ހދ. ނޭކުރެންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖަލު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އީއައިއޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓް ހައްދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ17 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަން ނޯޓުކުރުމަށް ދީފައިވާ އީމެއިލް އެޑްރެހަކީ procurement@homeaffairs.gov.mv އެވެ. ފޯނު ނަމްބަރުތަކަކީ 3323820 ,3321752 އެވެ.

ޕްރީ-ބިޑް ސެޝަން ބާއްވަން ހަމަޖައްސާފައިވަނީ 17 މާރިޗް 2020 ދުވަހުގެ ހެނދުނު 11:00 ގައެވެ. ބިޑް ސަބްމިޓް ކުރުން އޮންނާނީ 26 މާރިޗް 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ޕްރީ-ބިޑް ސެޝަން ބޭއްވުމާއި، ބިޑް ހުށަހެޅުން އޮންނާނީ ކުރުންމިނިސްޓރީ އޮފް ހޯމް އެފެއަރޒް ހުންނަ އިމާރާތް، ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ.

20 ފެބުރުއަރީ 2020 ގައިވެސް އެމަސައްކަތް ކޮށްދިނުމަށް އެދި ބަޔަކު ހޯދުމަށް ހޯމު މިނިސްޓްރީއިން ޢިއުލާނުކުރިއެވެ.

ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވީ 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަސައްކަތް ކުރުމަށް ބިން ވަކިކޮށް އެތަނުގައި ހުރި ރުއްގަހަށް ބަދަލުވެސް ދިނެވެ. އޭގެ ފަހުން އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގެ ހޯމު މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޗައިނާއިން ރާވާ ޖަލެއް ގެނެސް ޖަލު އެރަށުގައި އެޅުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

އެރަށުގައި ޖަލު އަޅާވާހަކައަކީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ދެކެވުން އަންނަ ވާހަކައެއްކަމަށާއި، ނަމަވެސް މިފަހަރު އެ ރަށުގައި ޖަލެއް އެޅުމަކީ މިސަރުކާރުގެ ރިޔާސިވަޢުދެއްކަމުން މި ސަރުކާރުން އެ ވަޢުދު ފުއްދާނެކަމަށް އުންމީދު ކުރާކަމަށް ނޭކުރެންދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެއެވެ.