މުޅިން އަލަށް ތައާރަފުކުރާ ފީފާ ވިމެންސް ކްލަބް ވޯލްޑް ކަޕް 2028 ވަނަ އަހަރު ބާއްވާ ގައުމަކަށް އެމެރިކާ ހަމަޖައްސައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން މިކަން ރަސްމީކޮށް އިއުލާނުކުރީ ބުރާސްފަތި ދުވަހުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު 19 އަންހެން ކްލަބް ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ 2028 ވަނަ އަހަރުގެ ޖެނުއަރީ 5 އިން 30 އަށެވެ. ނަމަވެސް، މުބާރާތުގެ މެޗުތައް ކުޅޭނެ ސިޓީތައް ފީފާއިން އަދި ހާމައެއް ނުކުރެއެވެ.
މިއީ އަންހެނުންގެ ކްލަބް ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށް ވާއިރު، މި މުބާރާތަށްފަހު ދެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މުބާރާތް ބާއްވަމުން ގެންދާނެ ކަމަށް ވެސް ފީފާއިން ވަނީ ބުނެފައެވެ.
އަލަށް ބާއްވާ މި މުބާރާތުން މިހާތަނަށް ހަތް ކްލަބަކުން ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންގްލެންޑުގެ އާސެނަލް، ސްޕެއިންގެ ބާސެލޯނާ، މެކްސިކޯގެ އެމެރިކާ، އަދި އެމެރިކާގެ ގޮތަމް އެފްސީއެވެ. މީގެ އިތުރުން ބްރެޒިލްގެ ކޮރިންތިއަންސް، ޗައިނާގެ ވޫހާން ޖިއަންގްދާ އަދި އުތުރު ކޮރެއާގެ ނައެގޮހްޔަންގް ވެސް ވަނީ މުބާރާތުން ފުރުސަތު ހޯދައިފައެވެ.
ފީފާއިން ބުނި ގޮތުގައި، އަނެއްކާވެސް އެމެރިކާގައި މިފަދަ މުބާރާތެއް ބޭއްވުމަށް ނިންމީ މިއަހަރުގެ ފިރިހެނުންގެ ވޯލްޑް ކަޕާއި 2025 ވަނަ އަހަރުގެ ފިރިހެނުންގެ ކްލަބް ވޯލްޑް ކަޕް އެ ގައުމުގައި ކާމިޔާބުކަމާއެކު ބޭއްވުމާ ގުޅިގެންނެވެ.
މި ނިންމުމާ ގުޅޭގޮތުން ފީފާގެ ޗީފް ވިމެންސް ފުޓްބޯލް އޮފިސަރު ސަރައި ބެއާމަން ވިދާޅުވީ، ފީފާގެ އެންމެ މަތީ ފެންވަރުގެ މުބާރާތްތައް އިންތިޒާމުކުރުމުގައި އެމެރިކާއިން ދައްކާފައިވާ ފުރިހަމަކަމާއި، އެ ގައުމުގައި އަންހެނުންގެ ފުޓްބޯޅައަށް އޮތް ބޮޑު ޝައުގުވެރިކަމުގެ އިތުރުން ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ހުރުމަކީ މި މުބާރާތް އެ ގައުމުގައި ބޭއްވުމަށް ނިންމި އެންމެ މުހިންމު ސަބަބު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!