ޔޫއީއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި އަމަލުކުރާނެ ގޮތަކާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ނަމަވެސް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައާ ހެދި ޓީމުގެ އެންމެންވެސް ތިބީ ނުރުހުމުގައި ކަމަށް އަޔަލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހެއިމިރް ހާލްގްރިމްސަން ބުނެފިއެވެ.
އައިސްލޭންޑަށް ނިސްބަތްވާ ކޯޗު މިހެން ބުނީ އިސްރާއީލާ ދެކޮޅަށް ކުރިއަށްއޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން އައިރިޝް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައެވެ.
ހަންގޭރީގައި ކުޅުނު ފުރަތަމަ މެޗު 3-0 އިން އަޔަލެންޑުން ކާމިޔާބުކޮށްފައިވަނީ، ޣައްޒާގެ ހަނގުރާމައާ ގުޅިގެން ކުޅުންތެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މެޗުގައި ކުޅުމަށް ޓީމުން ވޯޓުދިނުމަށްފަހުއެވެ. ހާލްގްރިމްސަން ބުނި ގޮތުގައި، ދެވަނަ މެޗުގައި އަމަލުކުރާނެ ގޮތެއް 100 އިންސައްތަ އަދި ނުނިންމައެވެ. އަދި ބުރާސްފަތި ދުވަހު ޑަބްލިންގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، އިސްރާއީލު މެޗާމެދު އިތުރަށް މަޝްވަރާކުރާނެ ކަމަށް އޭނާ ބުންޏެވެ.
ހަންގޭރީގެ ދެބްރެސެންގައި ކުޅުނު މެޗުގައި އަޔަލެންޑްގެ ކުޅުންތެރިން ވަނީ ޣައްޒާއިން ނިޔާވި މީހުންގެ ހަނދާނުގައި ކަޅުކުލައިގެ އަތު ބޭންޑު އަޅައިފައެވެ. އަދި އިސްރާއީލުގެ ގައުމީ ސަލާމް ކުޅުނު ވަގުތު ކުޅުންތެރިން އިސްޖަހައިގެން ތިބިއިރު، މެޗުގެ ކުރިން ސަލާމްކުރުމާއި ދިދަ ބަދަލުކުރުން ފަދަ އާންމުކޮށް ކުރާ ކަންކަންވެސް ދެ ޓީމުން ކޮށްފައެއް ނުވެއެވެ. ކޯޗު ބުނި ގޮތުގައި މި އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް މިކަމުގެ ހޭލުންތެރިކަން ވަނީ އިތުރުވެފައެވެ.
މި މެޗުތަކުގައި ބައިވެރިވުމަށް އިންކާރުކޮށް އަޔަލެންޑްގެ ގޯލްކީޕަރު ގޭވިން ބަޒޫނޫ ވަނީ ޓީމުން ނަންނަގާފައެވެ. އޭނާ ބުނެފައިވަނީ ކުށެއްނެތް އާންމުން މަރަމުންދާ ދަނޑިވަޅެއްގައި މެޗުގައި ބައިވެރިވުމަކީ ނުބައި ކަމެއް ކަމަށެވެ. ކޯޗު ހާލްގްރިމްސަން ބުނީ ޓީމުގެ ކުޅުންތެރިންގެ މެދުގައި ތަފާތު ހިޔާލުތައް ހުރި ނަމަވެސް، އެންމެންގެ ހިޔާލަށްވެސް އިހުތިރާމްކުރަންޖެހޭ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ނޭޝަންސް ލީގުގެ ގުރޫޕް އެކުލަވާލި ހިސާބުން ފެށިގެން ކުޅިވަރުގެ ދާއިރާގެ ފަރާތްތަކާއި، ސަޕޯޓަރުން އަދި ފަލަސްތީނަށް ތާއީދުކުރާ ގްރޫޕްތަކުން އަންނަނީ އިސްރާއީލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ. އަޔަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއީ) އިން އިސްރާއީލު ސަސްޕެންޑްކުރުމަށް ޔޫއީއެފްއޭގައި އެދުނު ނަމަވެސް އެކަމަށް އެކަށީގެންވާ ތާއީދެއް ނުލިބުނެވެ. އެހެންކަމުން، އޮކްޓޯބަރު 4 ގައި ކުޅެން ހަމަޖެހިފައިވާ އަޔަލެންޑްގެ ހޯމް މެޗު ވަނީ އިންތިޒާމީ ގޮންޖެހުންތަކާ ހުރެ ސާބިއާގެ ބެޗްކާ ތޮޕޯލާއަށް ބަދަލުކޮށް، ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށް ހަމަޖައްސާފައެވެ.
ޣައްޒާގައި ހިންގަމުންދާ އުދުވާނަކީ ނަސްލުނައްތާލުން ކަމަށް ކުރެވޭ ތުހުމަތުތައް އިސްރާއީލުން ހަރުކަށިކޮށް ދޮގުކުރި ނަމަވެސް، އދ. ގެ އިންކުއަރީ ކޮމިޝަނުން ކުރި ތަހުގީގުތަކުން ސާބިތުވެފައިވަނީ އިސްރާއީލުގެ އަސްކަރީ އަމަލުތަކާއި ހަނގުރާމައިގެ އުސްލޫބުތަކަކީ ނަސްލުނައްތާލުމުގެ އަމަލުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!