މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Ad
rt

މި މައްސަލައަކީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ހިނގި ހާދިސާއެކެވެ. އެ ވަގުތު ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ސީންއިން އޮގަސްޓު 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ހެވަން، މުޙައްމަދު ޝާބިން ޝުޖާޢު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައިގައި ދެން ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ. އޭގެ ތެރެއިން ކ. މާފުށި، ސްޓާރލައިން، އަބްދުﷲ ނިހާދު (30އ) އޮގަސްޓު 14 ވަނަ ދުވަހު ހައްޔަރުކުރިއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ކ. މާފުށި، ގްރީންޕާރކް، އިބްރާހީމް ސުނީޒް (41އ) އޮގަސްޓު 15 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މީގެއިތުރުން، ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި ކ. މާފުށި، ވާރޭވިލާ، އަޙްމަދު އަހުނަފް އަސްފާޤު (24އ) އޮގަސްޓު 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ކ. މާފުށި، ގްރީންޕާރކް، މުޙައްމަދު ޝައިޙާން (21އ) އޮގަސްޓު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި ކ. މާފުށި، ފާއިޒާމަންޒިލް، ޙަސަން ނަބީލު (32އ) ހައްޔަރުކޮށްފައިވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.