ވޯލްޑް ކަޕް މުބާރާތުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޭނާއަކީ ހުދުމުޚުތާރު ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް އުފައްދާފައިވާ މީމްތަކާ މެދު ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ ނުރުހުން ފާޅުކޮށްފިއެވެ.
އޭނާ ބުނީ މިފަދަ މީމްސްތަކުން ދައްކުވައިދެނީ އާންމުންގެ މެދުގައި ސިޔާސީ އަދި އިންސާނީ ހޭލުންތެރިކަން ކުޑަކަން ކަމަށެވެ.
'ފްރާންސް ފުޓްބޯޅަ' މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވި މި މީމްސްތަކާ މެދު ދެކޭގޮތް ހާމަކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވި އޭއައި މީމްތަކުގައި އެމްބާޕޭ ސިފަކޮށްފައިވަނީ އަސްކަރީ ޔުނިފޯމުގައި، ތަޚުތެއްގައި އިށީނދެގެން އިންނަ ތަނާއި، ސޯވިއެޓް ޔޫނިއަންގެ ކުރީގެ ލީޑަރު ޖޯސެފް ސްޓާލިންއާއި އެނޫންވެސް ބަހުސްބޮޑު ނުފޫޒުގަދަ ވެރިންގެ އަރިހުގައި ހުންނަ ތަނެވެ.
މި މީމްސްތަކާ މެދު ކުރެވުނު ސުވާލަށް ޖަވާބުދެމުން އެމްބާޕޭ ބުނީ، އޭގެ ތެރެއިން ބައެއް ތަކެތީގައި މަޖާ އަދި ހެޔޮނިޔަތުގައި ކޮށްފައިވާ ކަންކަން ހުރިކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، ތާރީޚުގައި ބޮޑެތި ހިތާމަތަކާ ގުޅިފައިވާ ޝަޚުޞިއްޔަތުތަކާ އޭނާ އަޅާކިޔުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
"އޭގެ ތެރެއިން ބައެއް ބައިތަކަކީ މަޖާ އެއްޗެހި. ސަބަބަކީ ބައެއް މީހުން އެކަން ކުރަނީ ހެޔޮ ނިޔަތުގައިކަން އެނގޭތީ،" އެމްބާޕޭ ބުންޏެވެ.
"ނަމަވެސް މަޖާ ނޫން ބައެއްވެސް އެބައޮތް. ސަބަބަކީ ތާރީޚުގައި އެފަދަ މީހުންގެ ސަބަބުން ލިބުނު ގެއްލުންތައް އަހަރެމެންނަށް އެނގޭތީ. އެހެން މީހުން މެރި މީހުންނާ ނުވަތަ މިލިއަން އަދި މިލިއަން މީހުން ނިކަމެތިކޮށްލި މީހުންނާ އަހަރެން އަޅާކިޔާއިރު، އަހަރެންގެ ޙަޔާތުގައި އެފަދަ ކަމެއް ކޮށްފައެއް ނުވާނެ." އެމްބާޕޭ ބުންޏެވެ.
މުބާރާތުގައި އޭނާގެ މުޅި ވާލްޑް ކަޕްގެ ޖުމްލަ ލަނޑުގެ އަދަދު 22 އަށް އަރުވައި، ލިއޮނަލް މެސީގެ ރެކޯޑު މުގުރާލި ފްރާންސްގެ ފޯވާޑް އިތުރަށް ބުނީ، މިފަދަ މީމްސްތައް ހަދަނީ ސީރިއަސް ކަމެއްގެ ގޮތުގައި ނޫންކަން އެނގުނު ނަމަވެސް، މިއިން ރަމްޒުކޮށްދެނީ މީހުންގެ ސިޔާސީ އަދި އިންސާނީ ހޭލުންތެރިކަން ކުޑަކަން ކަމަށެވެ.
މީގެ އިތުރުން، ފްރާންސްގެ ގައުމީ ޓީމުގައި އޭނާއާއެކު ކުޅޭ އުސްމާން ޑެމްބެލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯގެ ކުރީގެ ހުދުމުޚުތާރު ވެރިޔާ މޮބޫޓޫ ސެސެ ސެކޯއަށް ނިސްބަތްކޮށް އެމްބާޕޭއަށް "މޮބުޓް" ގެ ނަމުން މުޚާތަބުކުރާ ކަމާ މެދު ސުވާލުކުރުމުން އެމްބާޕޭ ބުނީ ޑެމްބެލޭގެ ކަންތައް ތަފާތު ކަމަށެވެ. ޑެމްބެލޭ އެ ނަން ނެގީ ސޯޝަލް މީޑިއާއިން ކަމަށާއި، އޭނާގެ ފަރާތުން އެއީ ހަމައެކަނި ސަމާސާއެއް ކަމަށް އެމްބާޕޭ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!