ޔޫއޭފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަން ބާސެލޯނާއިން ފެށީ ނެދަލޭންޑްސްގެ ފެޔެނޫޑް 5-1 އިން ބަލިކޮށް، މުބާރާތުގެ އެހެން ޓީމުތަކަށް ވަރުގަދަ އިންޒާރެއް ދެމުންނެވެ.
ބުދަ ދުވަހުގެ ރޭ ކޭމްޕް ނޫގައި ކުޅުނު މި މެޗުގައި ބާސާގެ ބްރެޒިލް ފޯވާޑް ރަފީނިއާ ދެ ގޯލު ޖެހިއިރު، ކަރީމް އަދެޔޭމީ، ލަމީން ޔަމާލް އަދި ގެބްރިއަލް ޖީސަސް ވެސް ވަނީ ގޯލު ޖަހާފައެވެ.
މެޗު ފެށުމުގެ ކުރިން ބޯކޮށް ވާރޭވެހި ދަނޑުގައި ފެންބޮޑުވި ނަމަވެސް، ފުރަތަމަ ހާފުގެ ކުރީކޮޅު ވާރޭ ހުއްޓުނުއިރު ބާސާއިން އޮތީ ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސެންޓްރަލް ފޯވާޑަކަށް ކުޅުނު ރަފީނިއާ ވަނީ ފެޔެނޫޑްގެ ދެ ދިފާއީ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފުރަތަމަ ގޯލު ޖަހާފައެވެ. އެއަށްފަހު، އެންތަނީ ގޯޑަންގެ ބަދަލުގައި ކުޅެން ނުކުތް އަދެޔޭމީ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ކީޕަރު ޓިޔާކް އާންސްޓް ބަލިކޮށް ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގެ އެއްގަޑިއިރު ހަމަވާން އުޅެނިކޮށް ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ އޭނާގެ ދެވަނަ ގޯލު ޖެހިއިރު، ލަމީން ޔަމާލް ފޮނުވާލި ހިލޭޖެހުމަކުން ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ފެޔެނޫޑުން ޝަކީލް ވަން ޕާސީ ކުޅެން ނެރުނު ފަހުން، ގޮންސާލޯ ބޯޖެސް ނަގައިދިން ހުރަހަކުން ސެމް ޓެއިން ވަނީ އެ ޓީމަށް ސުން ކަނޑުވާލަދީފައެވެ. ނަމަވެސް، މެޗު ނިމެން އުޅެނިކޮށް ޔަމާލް ނަގައިދިން ހުރަހަކުން ބޮލުން ގޯލަށް ބޯޅަ ވައްދާލައިގެން ބާސާގެ ފަސްވަނަ ގޯލު ޖެހީ އާސެނަލުން ބަދަލުވި ގެބްރިއަލް ޖީސަސްއެވެ. މިއީ ބާސާއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ލާ ލީގުގައި ވެލެންސިއާ އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ކޯޗު ހަންސީ ފްލިކް ފަސް ބަދަލެއް ގެނައި ނަމަވެސް، ރަފީނިއާ އާއި ޔަމާލް އަދި ރޮޑްރީ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. ރޮބާޓް ލެވަންޑޯވްސްކީ އަދި ފެރާން ޓޮރޭޒް ވިއްކާލުމާ ގުޅިގެން ސެންޓްރަލް ފޯވާޑަކަށް ކުޅެމުންދާ ރަފީނިއާ ވަނީ މި ސީޒަނުގައި ކުޅުނު ފަސް މެޗުން އަށް ގޯލު ޖަހާފައެވެ.
އެންމެ ފަހުން 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބާސެލޯނާއިން ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ. އަދި އޭގެ ތެރެއިން ހަތަރު މެޗެއްގައި އެ ޓީމުން ވަނީ މެޗަކު ފަސް ގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!