މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއެކު، ހދ. ނޮޅިވަރަންފަރު ކައުންސިލުން، ބޭއްވި ބައްދަލުވުމެއްގައި ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް، މަޝްވަރާކޮއްފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ، ތަރައްޤީ ޕްލޭން އެކުލަވައިލުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށާއި، ދަޢުލަތުގެ މިނިސްޓްރީތަކާއި ވުޒާރާތަކާ ބައްދަލު ކުރުމަށް، އެ ރަށު ކައުންސިލުން، 26 އޯގަސްޓް 2026 އިން 05 ސެޕްޓެމްބަރގެ ނިޔަލަށް މާލޭސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

Ad
rt

މި ބައްދަލުވުމުގައި، ހދ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ފަތުރުވެރިންގެ ދަތުރުފަތުރުގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން އެ ކައުންސިލުން ހާމަކޮއްފައިވާ ގޮތުގައި، ނޮޅިވަރަންފަރުގެ ޓޫރިޒަމް ޒޯނަށް ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރަށުގައި ފަތުރުވެރިކަން ފުޅާވަމުން އަންނައިރު ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ މި ދަތުރުގައި، ރަށުގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށާއި ރައްޔިތުންނާ ބައްދަލުކޮށް، ރަށުގެ އެކި ކަންކަމާމެދު މަޝްވަރާކުރުމަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށު ރައްޔިތުންނާ ވެސް ބައްދަލުކޮއްފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ އެކިއެކި ވުޒާރާތަކާ ބައްދަލުކޮށް، އެ ރަށުގެ ތަރައްޤީ ޕްލޭނާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮއްފައިވެއެވެ.