އިނގިރޭސި ޕްރީމިއާ ލީގުގެ އާސެނަލްގައި ހަތް އަހަރު ހޭދަކުރުމަށްފަހު، ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލީ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ބަދަލުވެއްޖެއެވެ. މާޓިނެލީ އަލް ހިލާލަށް ބަދަލުވެފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި ބަދަލުވުމާ ގުޅިގެން އާސެނަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ހުރިހާ ކަމަކަށް ޝުކުރިއްޔާ، އަދި ގާބީއަށް ކާމިޔާބަށް އެދެން،" މިފަދައިން ބުނެފައެވެ. މި ޓްރާންސްފާގެ އަގު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ޑީލްގެ އަގު އުޅެނީ 60 މިލިއަން ޕައުންޑް (81.2 މިލިއަން ޑޮލަރު) ގައެވެ. މިއީ އާސެނަލްގެ ތާރީޚުގައިވެސް ކުޅުންތެރިއަކު ވިއްކާލައިގެން އެ ކްލަބަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓްރާންސްފާއެވެ.
މީގެ ކުރިން އާސެނަލުން ކުޅުންތެރިއަކު ވިއްކައިގެން އެންމެ ބޮޑު އަގެއް ހޯދާފައިވަނީ 2017 ވަނަ އަހަރު އެލެކްސް އޮކްސްލޭޑް ޗެމްބާލިން 35 މިލިއަން ޕައުންޑް (46.3 މިލިއަން ޑޮލަރު) އަށް ލިވަޕޫލަށް ވިއްކާލައިގެންނެވެ. އުމުރުން 25 އަހަރުގެ މާޓިނެލީ ސައުދީއަށް ބަދަލުވިއިރު، އާސެނަލްގެ ވާތްފަރާތަށް ކުޅޭ އަނެއް ފޯވާޑް လެއަންޑްރޯ ޓްރޮސާޑްވެސް ވަނީ މިދިޔަ މަހު ތުރުކީގެ ބެޝިކްތާސްއަށް ވިއްކާލާފައެވެ.
އާސެނަލުން ކްލަބް ބްރޫޖުން ކްރިސްޓޯސް ޒޮލިސް ސައިން ކުރި ނަމަވެސް، މާޓިނެލީ އާއި ޓްރޮސާޑް ކްލަބް ދޫކޮށް ދިއުމުން އެ މަގާމަށް ބަލިކަށިކަމެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ނަމަވެސް މި ސީޒަނުގައި އެބެރެޗީ އެޒޭ ވާތްފަރާތު ފޯވާޑެއްގެ ގޮތުގައި ގިނައިން ފެންނާނެ ކަމަށް ބެލެވޭއިރު، އިންގްލަންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ނޯނީ މާޑުއެކޭ އާއި ބުކާޔޯ ސަކާއަށްވެސް އެ މަގާމަށް ކުޅެވޭނެ ކަމަށް ކްލަބުން ގަބޫލުކުރެއެވެ.
އާސެނަލަށް 278 މެޗު ކުޅެދީ، ބްރެޒިލް ގައުމީ ޓީމަށް 27 މެޗު ކުޅެދީފައިވާ މާޓިނެލީ ވަނީ މިދިޔަ މަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވި ކޮމިއުނިޓީ ޝީލްޑް މެޗުގެ އިތުރުން، ޕްރީމިއާ ލީގުގައި ކޮވެންޓްރީ އާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ސްކޮޑުން ބާކީކޮށްފައެވެ. މާޓިނެލީއާމެދު ކަންތައް ކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އާސެނަލްގެ ކުރީގެ ފޯވާޑް އިއާން ރައިޓް ބުނީ، މާޓިނެލީއާމެދު ކަންކަން ކުރެވުނު ގޮތުން "އުނދަގޫތަކެއް" އިހުސާސްވި ކަމަށާއި، އޭނާއަށް މިއަށްވުރެ ބޮޑު "އިހުތިރާމެއް" ހައްގުވާ ކަމަށެވެ.
އިނގިރޭސި ޕްރީމިއާ ލީގުގެ ޓްރާންސްފާ ބާޒާރު މިދިޔަ އަންގާރަ ދުވަހު ބަންދުވެފައިވީ ނަމަވެސް، ސައުދީ ޕްރޯ ލީގުގެ ޓްރާންސްފާ ބާޒާރު ބަންދުވާނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!