ތުރުކީ ސުޕަ ލީގުގައި ޓްރަބްޒޮންސްޕޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި މުހައްމަދު ސަލާހް ދެ ލަނޑު ޖަހައި، އިސްތަންބޫލް ބަސަކްސެހިރްގެ މައްޗަށް އެ ޓީމު ކުރިހޯދައިދީފިއެވެ.

އުމުރުން 34 އަހަރުގެ މިސްރުގެ ފޯވާޑް ސަލާހް މި ހޫނުމޫސުމުގައި ލިވަޕޫލް ދޫކޮށްލީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭނާ ވަނީ ލިވަޕޫލުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އެ ޓީމަށް 257 ލަނޑު ޖަހައިދީފައެވެ. ސައުދީ އަރަބިއްޔާއަށް ބަދަލުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އޭނާ ސޮއިކުރީ ހަފްތާއަކު 280،000 ޕައުންޑް ލިބޭ ގޮތަށް ތުރުކީގެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައެވެ.

Ad
d

މިއީ ޓްރަބްޒޮންސްޕޯއަށް ސަލާހް ކުޅުނު ތިންވަނަ މެޗެވެ. މީގެ ކުރިން އޭނާ ވަނީ ކަސިމްޕާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، އަދި ޔޫރޮޕާ ލީގުގެ ޕްލޭ-އޮފް ފުރަތަމަ ލެގުގައި ފެރެންކްވަރޯސް އަތުން ބަލިވި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މި މެޗުގައި އޭނާގެ އާ ކްލަބަށް ފުރަތަމަ ލަނޑު ޖަހައިދިނީ އިދިކޮޅު ކީޕަރު މުހައްމަދު ސެންގެޒަރ އަތުން ބޯޅަ ހޯދުމަށްފަހު، ޑިފްލެކްޝަނަކާއެކު ގޯލުގެ ދަނޑީގައި ޖެހިފައި ވަން ބޯޅައަކުންނެވެ. އެއަށްފަހު އެލްޑޯ ޝޮމުރޮޑޯވް ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، ސަލާހް ވަނީ 10 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން އަލުން ޓްރަބްޒޮންސްޕޯއަށް ލީޑު ނަގައިދީފައެވެ.

Ad
df

މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވް ޖެހި ކަމަށް ބަލައި ސަލާހަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި 45 ޔާޑު ދުރުން ހުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި ހެޓްރިކް ހެދި ކަމަށް އޭނާ ހީކުރި ނަމަވެސް، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.