މެންޗެސްޓާ ސިޓީގެ މަޝްހޫރު ފޯވާޑް އާލިން ހާލަންޑްގެ ދިގު އިސްތަށިގަނޑު ކޮށާލައި، އާ ޕްރިމިއާ ލީގު ސީޒަނަށް އޭނާ މުޅިން އާ ސްޓައިލެއް ދައްކާލައިފިއެވެ.

ބޯމަތިން ވަރަށް ބޮޑަށް އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާ މި އާ ހެއާސްޓައިލް ނުވަތަ "ބަޒް ކަޓް" ވަނީ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

Ad
rt

ބޯންމައުތާ ދެކޮޅަށް ކުޅުނު ސީޒަނުގެ ފުރަތަމަ މެޗަށް އިއްތިހާދު ސްޓޭޑިއަމަށް ހާލަންޑް އައީ ތޮތްޕެއް އަޅައިގެން ނަމަވެސް، މެޗުގެ ކުރިން ވޯމްއަޕް ހަދަން ފެށުމާއެކު ތޮފި ނެގުމުން އޭނާގެ އާ ސްޓައިލް ވަނީ ހާމަވެގެން ގޮސްފައެވެ. ނަމަވެސް، ސިޓީން 2-1 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރި ނަމަވެސް، ހާލަންޑަށް ލިބުނު ރަނގަޅު ފުރުސަތުތަކެއް ވަނީ ބޭކާރުވެފައެވެ.

ހާލަންޑްގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރި ވީޑިއޯއެއްގައި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗް ވަނީ ހާލަންޑާ ސަމާސާ ކުރަމުން އެއީ "ބެޓަކުން ބަލިވެގެން ހެދި ގޮތެއްތޯ" އަހައިފައެވެ. އަދި "މިހާރު ކުރިއަށްވުރެ ބާރަށް ދުވެވޭނެތަ؟" ކަމަށް ބުނެ ސުވާލުކޮށްފައެވެ.

މީގެއިތުރުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ، "އިސްތަށިގަނޑެއް ހުރުމަކީ ނަސީބެއް. އަހަރެން ވެސް އެފަދަ އިސްތަށިގަނޑެއް ބޭނުން!" ކަމަށް ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައި ކުޅިވަރުގެ ދުނިޔޭގައި ހާލަންޑް އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ އެއް ސަބަބަކީ އޭނާގެ ދިގު ރީތި އިސްތަށިގަނޑެވެ. އެހެންކަމުން މި އައި ބަދަލަކީ ގިނަ ބައެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ މައިގަނޑު އެއް ކަމެވެ.