ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމުގައިވާ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުން ފީ ނެގުމަށް އެކުލަވާލާފައިވާ ހާއްސަ ޕްލޭނެއްގެ މާއްދާއެއް އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޓީން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ "ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތާއި ކުރިއެރުން ކަށަވަރުކުރުމަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގެ 3 ވަނަ މާއްދާގެ ދަށުންނެވެ. މި މާއްދާއިން އީރާނުގެ އެތެރޭގެ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން ރަސްމީކޮށް ޓޯލް ނުވަތަ ފީ ނެގުމުގެ ބާރު ލިބިދެއެވެ.
ފީ ނެގޭނެ ހިދުމަތްތަކާއި އުސޫލުތައް
މި ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ކަނޑުދަތުރުފަތުރުގެ މަގު ދެއްކުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ހާއްސަ ހާލަތްތަކުގައި ތެޔޮ އެޅުމުގެ އިތުރުން މެރިޓައިމް އިންޝުއަރެންސް ފަދަ މަޖުބޫރު ހިދުމަތްތަކުގެ އަގުގެ ގޮތުގައެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ރަސްމީ ހުއްދަ އީރާނުން ދީފައިވާ ގައުމުތަކުގެ އުޅަނދުފަހަރުންނެވެ. އަދި ފައިސާ ނަގާނީ އީރާނުގެ ފައިސާ ކަމަށްވާ ރިއާލް ނުވަތަ ތެހެރާނުން ކަނޑައަޅާ އެހެން ކޮންމެ ފައިސާއަކުންނެވެ.
ކޮމިޓީގެ ތަރުޖަމާނު ހަސަން ގަޝްގާވީ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ބަލައިގަންނަ ނަމަވެސް، އެކަން އޮންނަންވާނީ އައްސޭރިފަށުގެ ގައުމުތަކުގެ އިސްތިގުލާލާއި ސަލާމަތީ ހައްގުތަކާ އަޅާކިޔައި، ހަމަހަމަކަމާ އެކުގައި ކަމަށެވެ.
ދެން އަޅާނެ ގާނޫނީ ފިޔަވަޅުތައް
މި މާއްދާ ގާނޫނަކަށް ވުމުގެ ކުރިން، އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ވޯޓު ނަގަން ޖެހޭނެއެވެ. އެއަށްފަހު، ގާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތާ އެއްގޮތްވާ މިންވަރު ބެލުމަށް އެ ގައުމުގެ ގާޑިއަން ކައުންސިލަށް ފޮނުވޭނެއެވެ. މި މަރުހަލާތަކަށްފަހު، ރައީސް އެ ގާނޫނު ތަސްދީގު ކުރެއްވުމުން އަމަލުކުރަން ފެށޭނެއެވެ.
މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މި މަގުގެ މައްޗަށް އީރާނުގެ ސިޔާދަތީ ބާރު ވަރުގަދަކޮށް، މާލީ މަންފާ ހޯދުމަށް ނިންމި ނިންމުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!