ކުޅުދުއްފުށީ ސިޓީގެ އާންމު ކުތުބުޚާނާ (ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ)އިން ޝާޢިއުކުރާ ފާރު ނޫހުގެ ދެވަނަ ޢަދަދަށް ލިޔުން ހުށައެޅުމުގެފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި އެ ކުތުބުޚާނާއިން ބުނީ އެ ކުތުބުޚާނާގެ ފާރު ނޫސް "ޢިލްމީ އޮއިވަރު" އަކީ ލިޔުންތެރިކަމާއި އުފެއްދުންތެރި މަސައްކަތްތަކަށް ޝައުޤުވެރިވާ، އުމުރުން 12 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

Ad
rt

ކުތުބްޚާނާއިން މަޢުލޫމާތު ދޭ ގޮތުގައި މި ޚަރަކާތުގެ ބޭނުމަކީ އުފެއްދުންތެރި ޚިޔާލުތަކާއި، ހުނަރުވެރި ފަރާތްތަކުގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދީ، އަދަބީ އަދި ފަންނީ ކަންކަމަށް ހިތްވަރު ދިނުމެވެ.

މަޒުމޫނާއި، ވާހަކައާއި، ޅެން ފަދަ އަދަބީ ލިޔުންތަކުގެ އިތުރުން، ރަށުގެ މާޒީ ދައްކުވައިދޭ ތާރީޚީ ފޮޓޯތަކާއި، އިޖުތިމާޢީ މެސެޖުތައް އެކުލެވޭ ކުރެހުންތައް ވެސް ފާރު ނޫހުގެ ދެވަނަ ޢަދަދަށް ހުށަހެޅޭނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ އާންމު ކުތުބުޚާނާއިން ބުނެއެވެ.

މި އަދަދަށް ލިޔުން ހުށަހަޅަން ބޭނުންވާ އުމުރުން 12 އަހަރުން މަތީގެ ފަރާތްތަކުން ކުޅުދުއްފުށީ އާންމު ކުތުބްޚާނާގެ ކައުންޓަރަށް ނުވަތަ ކުތުބްޚާނާގެ އީމެއިލް މެދުވެރިކޮށް ލިޔުން ހުށެހެޅޭގޮތަށް އެ ކުތުބުޚާނާއިން ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ހުށަހަޅާ އުފެއްދުންތައް، "ޢިލްމީ އޮއިވަރު" ފާރު ނޫހުގައި ޝާއިޢުކޮށް އާންމުންނަށް ފެންނާނޭހެން ބެހެއްޓޭނެކަމަށާއި ހުށަހަޅާ ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޤްބޫލު އުފެއްދުންތައް ކުތުބްޚާނާގެ ސޯޝަލް މީޑިއާ މަންސަތަކުގައި ފީޗާ ކުރެވޭނެކަމަށް ވެސް ކުޅުދުއްފުށީ ސިޓީގެ އާންމު ކުތުބުޚާނާއިން ބުނެފަވެއެވެ.

ކުތުބުޚާނާއިން ބުނެފައިވާ ގޮތުގައި މި ނޫހުގެ ދެވަނަ ޢަދަދަށް ތަކެތި ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 31 އޯގަސްޓް 2026 ވާ ހޯމަ ދުވަހެވެ.

ކުޅުދުއްފުށި އާންމު ކުތުބުޚާނާ އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިސްނެގުމަކަށް އާންމުންނަށް ހުޅުވާލައިގެން ތަރައްގީކޮށްފައިވާ މުހިންމު މަރުކަޒެކެވެ. މި ކުތުބުޚާނާ ރަސްމީކޮށް ހުޅުވާފައި ވަނީ 16 ސެޕްޓެމްބަރު 2024 ގައެވެ. މި ކުތުބުޚާނާއިން ކިޔުންތެރިންނަށް ފަސޭހައިން ފޮތް ކިޔުމާއި ޢިލްމީ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، މިތަނުން ދަނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ޢިލްމީ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.