ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.

Ad
rt

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން ސ. މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތިކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ޕަވަރ ޓޫލް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި މިތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު (58އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތުހުމަތުކުރެވޭ ގޮތަށް ނުއަގުގައި އެއްވެސް ފަރާތަކުން ތަކެތި ވިއްކާނަމަ އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް ފުލުހުންގެ ހިދުމަތުން އެދިފައިވެއެވެ.