ވޯލްޑް ކަޕްގައި ކޭޕް ވާޑަށް ތާރީޚީ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ބުބިސްޓާ، މޮރޮކޯގެ ކްލަބެއް ކަމަށްވާ އާރްއެސް ބާކޭންއާ މިދިޔަ އަންގާރަ ދުވަހު ގުޅިއްޖެއެވެ.

އާރްއެސް ބާކޭންއިން ހާމަކުރި ގޮތުގައި، އާންމު ނަމުން ނަމަ ބުބިސްޓާ ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެޑްރޯ ބްރީޓޯ އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މި މަގާމާ ހަވާލުވީ، ޓިއުނީޝިއާގެ ގައުމީ ޓީމާ ހަވާލުވުމަށް އެ ކްލަބް ދޫކޮށްދިޔަ މޮއިން ޝައުބާނީގެ ބަދަލުގައެވެ.

Ad
rt

ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުބިސްޓާ އެ ގައުމުގެ ގައުމީ ޓީމަށް ކޮށްދިން އިޚްލާޞްތެރި މަސައްކަތަށާއި، ދެއްކެވި ޕްރޮފެޝަނަލްކަމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ.

ބުބިސްޓާގެ އިރުޝާދުގެ ދަށުން ކޭޕް ވާޑުން ވަނީ ވޯލްޑް ކަޕްގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުކުރިއިރު، އެ މެޗުގައި 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުކޮށް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެ ގައުމު ވަނީ ގަދަ 32 އަށް ދަތުރުކޮށްފައެވެ.

ގަދަ 32 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން ކޭޕް ވާޑް 3-2 އިން ބަލިވި ނަމަވެސް، އެ މެޗުގެ އިތުރު ވަގުތުގައި ސިޑްނީ ލޮޕޭޒް ކަބްރާލް ކާމިޔާބުކުރި ލަނޑު ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ލަނޑުގެ ގޮތުގައި ހޮވިފައެވެ.

ބުބިސްޓާ އަލަށް ގުޅުނު އާރްއެސް ބާކޭންއަކީ 2025 ވަނަ އަހަރުގެ ސީއޭއެފް ކޮންފެޑަރޭޝަން ކަޕް ކާމިޔާބުކޮށްފައިވާ ކްލަބެކެވެ. މިއީ ފީފާގެ ރައީސާ ގާތް ގުޅުމެއް ބާއްވަވާ، މޮރޮކޯގެ ފުޓްބޯޅައިގެ ނުފޫޒުގަދަ ލީޑަރު ފައުޒީ ލެކްޖާގެ އަމިއްލަ ކްލަބް ވެސް މެއެވެ.