މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓްތައް ކައިރިން މީހަކު ހައްޔަރުކޮށްފުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
ޝިޢާން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުންނެވެ. ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލުމަށްފަހު ފިލަން މަސައްކަތްކުރުމުން، ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޝިޢާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!