ހދ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ''އޮތެންޓިކް ކުޅުދުއްފުށި ޝޮޕް''ގެ ނަމުގައި ފިހާރައެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަށްވަމުންނެވެ.
މިގޮތުން ބަޖެޓްގައި އަލަށް ހިމެނިކަންކަމުގެ ތަފްސީލް ދެއްވަމުން މޭޔަރު ވިދާޅުވީ، ''އޮތެންޓިކް ކުޅުދުއްފުށި ޝޮޕް''ގެ ނަމުގައި ފިހާރަތައެއް ތަރައްގީކުރުމަށް އަލަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
''އޮތެންޓިކް ކުޅުދުއްފުށި ޝޮޕް އަލަށް ބަޖެޓްގައި ހިމެނިން، ކައުންސިލްގެ ވިސްނުމަކީ ކުޅުދުއްފުށީގެ އުފެއްދުންތައް ހާއްސަކޮށް ދިވެހި އުފެއްދުންތައް އެއްތަނަކުން ވިއްކޭނެ ނުވަތަ މާކެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން، ބައެއް ބޭފުޅުން ގޭގައި ތަކެތި އެބަ އުފައްދާ، އެހެންނަމަވެސް ރަނގަޅަށް މާކެޓްކޮށް ވިއްކޭނެ ގޮތެއްނެތް،'' މޭޔަރު ވިދާޅުވެފަވެއެވެ.
މޭޔަރު ވިދާޅުވީ މަސައްކަތްތެރީން އުފައްދާ ތަކެތި ވިއްކުމަށް ކޮންމެ މީހަކު ވަކިން ފިހާރައެއް ހެދުމަކީ މާލީގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާނެކަމަށެވެ. އެހެންވެ، ކައުންސިލްގެ މަގްސަދަކީ ޝޯވ ރޫމެއް ތަރައްގީކުރުމަށްފަހު، މަސައްކަތްތެރިންގެ އުފެއްދުންތަން އެތަން މެދުވެރިކޮށް ވިއްކޭނެ މަގުފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
''ކޮންމެ ބޭފުޅަކު ފިހާރައެއް ހުޅުވައިގެން ކުޑަކުޑަ އެތިކޮޅުކޮޅު އުފައްދައިގެން ވިއްކުމަކީ މާލީ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާނެ، އެހެންކަމުން އަޅުގަނޑުމެން ޝޯވް ރޫމެއް ހަދާފަ ގޭގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ތަކެތި އެތަނުން ވިއްކޭނެ ނިޒާމެއް ގާއިމުކޮށްދިނުން މަގްސަދަކީ'' މޭޔަރު ވިދާޅުވެފަވެއެވެ.
ފާހަގަކޮށްލެވޭގޮތުގައި ކުޅުދުއްފުށީ ސިޓީ އަކީ ވަރަށް ހުނަރުވެރި މަސައްކަތްތެރިންތަކެއް ތިބި ރާއްޖޭގައި ހުނި ޖަހައިލެވޭނެ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!