ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ އެމެރިކާގެ މައްޗަށް ކުރި ހޯދުމަށްފަހު، ބެލްޖިއަމްގެ "ރެޑް ޑެވިލްސް" މިހާރު ތިބީ އުފާފާޅުކުރުންތައް ނިންމާލުމަށްފަހު މުބާރާތުގެ ކުރިއަށް އޮތް މަރުހަލާއަށް ވަރުގަދަޔަށް ތައްޔާރުވެގެންނެވެ.
ހޯމަ ދުވަހު ސިއެޓްލްގައި ކުޅުނު މެޗުގައި 4-1 ގެ ބޮޑު ތަފާތަކުން އެމެރިކާ ބަލިކުރުމަށްފަހު، ބެލްޖިއަމްގެ ޓީމުން ބުދަ ދުވަހު ވަނީ ލޮސް އެންޖެލެސް ސަރަހައްދުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ސެނެގޯލްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން މޮޅުވެ، އަދި އެމެރިކާގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދުމަށްފަހު، ބެލްޖިއަމްއަށް ދެން އޮތީ މިހާތަނަށް ބަލިނުވެ އޮތް ސްޕެއިންއާ ދެކޮޅަށް ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗެވެ.
ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ބުނި ގޮތުގައި، މި މުބާރާތުގައި މިހާތަނަށް ހޯދި ކާމިޔާބީތަކުން ޓީމަށް ބޮޑު އިތުބާރެއް ވަނީ ލިބިފައެވެ.
"އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫ މެޗަކަށް ވާނެކަން އަހަރެމެންނަށް އެނގޭ. އެއީ އަމިއްލަ ގައުމުގައި ކުޅޭ ޓީމު،" ކޯޓުއާ ބުންޏެވެ.
އެމެރިކާ މެޗުގެ ކުރިން، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާއިން އުވާލުމާ ގުޅިގެން ބެލްޖިއަމްގެ ޓީމުން ތިބީ ނުރުހުންވެފައެވެ. މިއާއެކު މެޗުން މޮޅުވުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައާއި ޑްރެސިން ރޫމުގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުވައިގެން ބައެއް ކުޅުންތެރިން ކުރި ނެށުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އެހެންނަމަވެސް، ބެލްޖިއަމްގެ ޓީމުން މިހާރު ބުނަނީ އެ ހުރިހާ ކަމެއް ނިމިއްޖެ ކަމަށާއި، މިހާރު މުޅި ޓީމުގެ ފޯކަސް ހުރީ ސްޕެއިން މެޗަށް ކަމަށެވެ. ފަރިތަކުރުންތަކުގެ މިންގަނޑާ މެދު ހިތްހަމަނުޖެހިގެން، ފީފާގެ ހުއްދައާއެކު ބެލްޖިއަމްއިން ވަނީ އެމީހުންގެ ޓްރެއިނިން ބޭސްވެސް ބަދަލުކޮށްފައެވެ.
ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމްއަކީ ބަލިވާނެ ކަމަށް ބެލެވޭ (އަންޑަޑޮގް) ޓީމެއް ނަމަވެސް، ކޯޓުއާ ހަނދާންކޮށްދިނީ މީގެ އަށް އަހަރު ކުރިން ރަޝިއާގައި ބްރެޒިލް ބަލިކޮށް ބެލްޖިއަމްއިން ހޯދި ތާރީޚީ ކާމިޔާބީއެވެ. އޭނާ ބުނި ގޮތުގައި އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!