ވޯލްޑް ކަޕްގެ ގަވާއިދުތަކަށް ފީފާއިން ގެނައި އާ ބަދަލާއެކު، އިދިކޮޅު ކުޅުންތެރިއަކާ ކުރިމަތިލާއިރު އަނގަމަތީގައި އަތްއެޅުމުގެ ސަބަބުން އިކުއެޑޯގެ ޕިއޭރޯ ހިންކަޕިއޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.
މިއީ މި އާ ގަވާއިދުގެ ދަށުން މި މުބާރާތުގައި ރަތް ކާޑު ދެއްކި ދެވަނަ ކުޅުންތެރިޔާއެވެ.
މި ހާދިސާ ހިނގާފައިވަނީ މުބާރާތުގެ ގަދަ 32 ޓީމު ކުޅުނު ބުރުގައި މެކްސިކޯ އަތުން 2-0 އިން އިކުއެޑޯ ބަލިވި މެޗުގެ 95 ވަނަ މިނެޓުގައެވެ. ހިންކަޕިއޭއަށް ރަތް ކާޑު ދެއްކީ މެކްސިކޯގެ ފޯވާޑް ސަންތީ ގިމެނޭޒްއާ ދެމެދު ހިނގި ހޫނު ބަހުގެ ހަމަލާތަކެއްގެ ތެރެއިން އޭނާގެ އަނގަމަތީގައި އަތްއެޅުމާ ގުޅިގެންނެވެ.
ފީފާއިން މި އާ ގަވާއިދު އެކުލަވާލާފައިވަނީ އިދިކޮޅު ކުޅުންތެރިންނަށް ކުރާ ބަދުބަސްތަކާއި ހުތުރު އެއްޗެހި، އަނގަމަތީގައި އަތްއަޅައިގެން ފޮރުވުމުގެ ފުރުސަތު ނުދިނުމަށެވެ.
މި ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ރަތް ކާޑު ދައްކާފައިވަނީ މިދިޔަ ހަފްތާގައި ތުރުކީއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖް މެޗުގައި ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށެވެ.
މި ބައްޔާއެކު އިކުއެޑޯ މުބާރާތުން ވަކިވާން ޖެހިފައިވާއިރު، ހިންކަޕިއޭއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އެ ގައުމުން ދެން ކުޅޭ ބައިނަލްއަގުވާމީ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!