މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަސްދޫނި، "މާލިން" މެކްސިކޯ ސިޓީގެ ސްޓޭޑިއަމް ކައިރިއަށް ބުދަ ދުވަހު ދިޔުމުން ގިނަ ބަޔަކު އެ އަސްދޫންޏަށް މަރުހަބާ ކިޔައިފިއެވެ.

ނަމަވެސް، ފީފާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ބަލަން ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތު އެ އަސްދޫންޏަށް ވަނީ ގެއްލިފައެވެ.

Ad
rt

ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މާލިން ސްޓޭޑިއަމަށް ވެއްދުމަށް އޭނާގެ ސަޕޯޓަރުން ވަނީ ވަރުގަދަ ކެމްޕޭނެއް ވެސް ހިންގާފައެވެ. މީގެ ދެ ހަފުތާ ކުރިން މެކްސިކޯގެ މަގުތަކުން ފެނުނު މި އަސްދޫނި ވަނީ މިހާތަނަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވެސް ޒިޔާރަތްކޮށްފައެވެ. ބުދަ ދުވަހު މާލިން ސްޓޭޑިއަމް ސަރަހައްދަށް ދިޔައީ ލެޓިން އެމެރިކާގެ ބޮޑު މީޑިއާ ނެޓްވޯކެއް ކަމަށްވާ ޓެލެވިސާގެ ޕްރޮގްރާމެއް ފިލްމު ކުރުމަށެވެ.

ފީފާގެ ތަރުޖަމާނަކު ކަށަވަރުކޮށްދިން ގޮތުގައި، މާލިން އަށް ސްޓޭޑިއަމްގެ ވަށައިގެންވާ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެވުނު ނަމަވެސް، ސްޓޭޑިއަމްގެ އެތެރެއަށް ވަނުމުގެ ހުއްދައެއް ނުދެވުނެވެ. އެއީ ޖަނަވާރުންގެ ރައްކާތެރިކަމަށްޓަކައި ސްޓޭޑިއަމްތަކަށް ޖަނަވާރުން ވެއްދުން ފީފާގެ ގަވާއިދުތަކުން މަނާކުރާތީއެވެ.

މެކްސިކޯގެ މަޝްހޫރު "މާލިން" އަސްދޫންޏާއި، އަސްދޫނީގެ ވެރިޔާ ކާލާ ގޯމޭޒް، ފޮޓޯ: އޭޕީ

"މިދިޔަ މަދު ދުވަސްކޮޅަކީ ވަރަށް އާދަޔާ ހިލާފު ދުވަސްތަކެއް، މާލިންއަށް ލިބޭ ތަރުހީބާ މެދު އަހަރެމެން ތިބީ ހައިރާންވެފައި" މާލިންގެ ވެރިޔާ ކާލާ ގޯމޭޒް ބުނެފަވެއެވެ.

އުމުރުން ދެ އަހަރުގެ މާލިން އަކީ މިހާރު މެކްސިކޯގެ ނުރަސްމީ މަސްކޮޓެވެ. މެކްސިކޯގެ ގައުމީ ޖާޒީ ލައިގެން އުޅޭ މި އަސްދޫނި ވަނީ ނެޓްފްލިކްސް އާއި އެކި ޓީވީ ސްޓޫޑިއޯތަކަށް ޒިޔާރަތްކޮށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދާފައެވެ.

"މާލިން އަކީ އަހަރެމެންގެ ނުރަސްމީ މަސްކޮޓް، އޭނާއަށްޓަކައި އަހަރެމެން ފަހުރުވެރިވަން" ސްޓޭޑިއަމް ބޭރުގައި ހުރި ސަޕޯޓަރެއް ކަމަށްވާ ޑެނިއަލް ކްރައުޒް ބުނެފަވެއެވެ.

މާލިންގެ ނަން ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހައްގު ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ ހައްގު މިހާރު ވަނީ ގާނޫނީ ގޮތުން އޭނާގެ ވެރިޔާ ކާލާ ގޯމޭޒްއަށް ލިބިފައެވެ. މާލިންއަށް ސްޓޭޑިއަމަށް ނުވަދެވުނު ނަމަވެސް، އޭނާގެ އާއިލާއަށް ވަނީ މެޗު ބަލަން ވަނުމުގެ ފުރުސަތު ލިބިފައެވެ.

ކާލާ ގޯމޭޒް ގަބޫލުކުރާ ގޮތުގައި މާލިން އަކީ މެކްސިކޯ ޓީމަށް ނަސީބު ގެނެސްދޭނެ ރަމްޒެކެވެ. އޭނާ ބުނީ ސްޓޭޑިއަމްގެ އެތެރޭގައި ނެތް ނަމަވެސް، މާލިންގެ ސަބަބުން މެކްސިކޯ ޓީމަށް މިއަދު ކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.