ޏ. ފުވައްމުލަކުގައި މީގެ 16 އަހަރު ކުރިން މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށްމަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމަ އާއި ބައްޕަ މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، ޝުހާދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

Ad
rt

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޝުހާދުގެ މައިންބަފައިންގެ ބަސް ވަނީ ހޯދައިފަ އެވެ. ފުވައްމުލައް ކޯޓު މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ވާހަކަ ދައްކަމުން ޝުހާދުގެ މަންމަ އަދި ބައްޕަ ބުނީ އެމީހުން އަދިވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.

ޝުހާދުގެ މަންމަ އާއި ބައްޕައާ އެއްވެސް ވާހަކައެއް ދައްކަން ފަރީދު ބޭނުންތޯ ޝަރީއަތުން ސުވާލު ކުރުމުން ފަރީދު ބުނީ އެ މީހުންނާ އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި, ފަރީދު ހައްޔަރު ކުރުމަށް ފަހު ދިން ލިޔުމުގައި އޭނާގެ ސޮއި ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ރިޕޯޓްގައި ފަރީދުގެ ސޮއި ކުރެވިފައިނުވަނީ އޭނާގެ އަތަށް ޒަހަމްތަކެއް ލިބިފައިވާތީ ސޮއި ކުރެވޭ ހާލަތުގައި ނެތުމުން ކަމަށެވެ.

ނަމަވެސް، ފަރީދު ބުނީ ސޮއި ނުކުރެވޭ ވަރުގެ ޒަހަމެއް އޭނާއަށް ނުލިބޭ ކަމަށާއި އޭގެ ތިން ދުވަސް ފަހުން ހަނުހުރުމުގެ ފޯމްގައި އޭނާ ސޮއިކުރި ކަމަށް އޭނާ ބުންޏެވެ.

އެހެންވެ, ޝަރީއަތުން ވަނީ ފަރީދުގެ ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ފުލުހުން މެދުވެރިކޮށް ހޯދުމަށް ފަހު ޝަރީއަތަށް ހުށަހަޅަން ދައުލަތަށް އަންގައިފަ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ މިއީ މަރުގެ މައްސަލައަކަށްވާތީ އެ މައުލޫމާތުތައް ތަފްސީލްކޮށް ހުށަހަޅަން ދައުލަތަށް އަންގާ ކަމަށެވެ. އަދި، އެ ލިޔުންތަކަށް ފަހު ދެން އޮންނާނީ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބަލާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.