ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޚިދުމަތުގެ އަގުވަޒަންކޮށް، އޭނާއަށް މަގާމުގެ ކުރިއެރުން މިއަދު ދީފިއެވެ.

ފުލުހުންގެ މުއައްސަސާގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރި ހއ. އުލިގަމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އާސިފަށް ދީފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކެވެ.

Ad
rt

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަނިކޮށެވެ.

ފުލުހުން ބުނީ އާސިފްގެ ވަކިވެދިއުމަކީ މުޅި މުއައްސަސާއަށާއި، އޭނާ ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އާސިފް އަދާކުރި އިހުލާސްތެރި ދައުރާއި، އޭނާ ދެއްކި ނަމޫނާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ ޝަރަފެއްކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އާސިފް ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް ނުހަނު އިހުތިރާމާއެކު އާކުރާނެ ކަމަށެވެ.

އާސިފް ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ކިޔާފައެވެ.

އާސިފް ވަކިވެ ދިޔުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ ފަރާތުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފަކީ އޭނާގެ ފުލުހުންގެ ޚިދުމަތުގެ މުއްދަތުގައި، އިޚްލާޞްތެރިކަމާއި، ސާބިތުކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ފުލުހެއްކަމަށެވެ.

''ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ ދެއްކެވި މަތިވެރި އަޚްލާޤާއި ހިތްވަރަކީ، މި މުއައްސަސާގެ މަޤްޞަދުތައް ފުރިހަމައަށް ރަމްޒުކޮށްދޭ މިސާލެކެވެ. ޚިދުމަތުގައި ހުންނަވަނިކޮށް އޭނާ ވަކިވެދިޔަ ދިއުމަކީ، އާއިލާއަށާއި ލޯބިވާ ފަރާތްތަކުގެ އިތުރުން، މުޅި ދިވެހި ފުލުހުންގެ މުއައްސަސާއަށް ލިބުނު ބޮޑު ހިތާމައެކެވެ.'' ކޮމިޝަނަރގެ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.

ފުލުހުން މިއަދު ހެނދުނު ބުނިގޮތުގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަގުތުން ފެށިއެވެ. އަދި ފުލުހުން ހިންގި ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން އާސިފް ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.