ވޯލްޑް ކަޕް 2026 މިރޭ ފަށާއި، މި މުބާރާތުގެ ގްރޫޕް ކޭ ގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯއާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ރޮނާލްޑޯ އާއި ޕޯޗުގަލްއަށް މި މުބާތްވެގެން ދާނީ ލިބޭ އައު ފުރުސަތަކަށެވެ.

މި ފހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަޚުރުވެރި ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް ތަށި ހޯދުމަށް ހަގީގަތުގައި ލިބޭނީ އެންމެ ފުރުސަތެކެވެ. ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ، ޕޯޗުގަލްއަށް ކުޅުނު 226 މެޗުން 143 ލަނޑު ޖަހައިގެން، ފިރިހެން ފުޓްބޯޅައިގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

Ad
rt

މި އަހަރުގެ ކުރީކޮޅު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގައި އުޅެނިކޮށް އޭނާގެ ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުން މަޑުޖެހުނެވެ. އަދި އޭޕްރީލް 1 ވަނަ ދުވަހު އެޓްލާންޓާގައި އެމެރިކާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ ނުކުޅެއެވެ.

އަނިޔާގެ މައްސަލައެއް ދިމާނުވާނަމަ، ވޯލްޑް ކަޕް ސްކޮޑުން އޭނާއަށް ފުރުސަތު ލިބޭނެކަމާމެދު ޝައްކެއް ނެތެވެ. އެހެންވެއްޖެނަމަ، 2014 ވަނަ އަހަރު ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް މިޝިގަންގައި ކުޅުނު ޕްރީ-ސީޒަން މެޗަށްފަހު، ފުރަތަމަ ފަހަރަށް ރޮނާލްޑޯ އެމެރިކާގެ ފަސްގަނޑުގައި ކުޅޭނެއެވެ.

ރޮނާލްޑޯ އާއި އޭނާގެ ވާދަވެރި އާޖެންޓީނާގެ ލިއޮނަލް މެސީއަކީ ހަ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފިރިހެން ކުޅުންތެރިންނަށް ވުމުގެ ފުރުސަތު އެބައޮތެވެ. ނޮވެމްބަރު މަހު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ މިއީ "ޔަގީނުންވެސް" އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ.

ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ ހިމެނޭ ގްރޫޕް ކޭ ގެ އެންމެ ވަރުގަދަ ޓީމަކީ ޕޯޗުގަލް ކަމަށް ބެލެވެއެވެ.

ޕޯޗުގަލް

ޕޯޗުގަލް ރޭންކިންގެ 5 ވަނައިގައި އޮތް ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު އަޔަލޭންޑް އަތުން 2-0 އިން ބަލިވުމަކީ އެ ޓީމަށް ލިބުނު އިންޒާރެކެވެ. އެ މެޗުގައި ޑިފެންޑަރެއްގެ ގައިގައި އުޅަނބޮށިން ޖެހުމުގެ ސަބަބުން ރޮނާލްޑޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. އޭގެ ފަހުން ކުޅުނު މެޗުގައި އޭނާ ސަސްޕެންޑް ކުރެވުނު ނަމަވެސް، ޕޯޗުގަލް އިން ވަނީ އަރްމީނިއާ އަތުން 9-1 އިން މޮޅުވެ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައެވެ.

މިއީ ޕޯޗުގަލްގެ 9 ވަނަ ވޯލްޑް ކަޕެވެ. އެ ޓީމުން ވަނީ 1966 ވަނަ އަހަރު ތިންވަނަ އަދި ރޮނާލްޑޯގެ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާ 2006 ވަނަ އަހަރު ހަތަރުވަނަ ހޯދާފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުއާޓާ ފައިނަލަށް ދިޔަ ނަމަވެސް، މޮރޮކޯ އަތުން 1-0 އިން ބަލިވެ ކެޓީއެވެ. އެ މެޗުގެ 51 ވަނަ މިނެޓުގައި ރޮނާލްޑޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

2023 އިން ފެށިގެން ކޯޗަކީ ރޮބާޓޯ މާޓިނޭޒްއެވެ. ޓީމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އާއި ޕީއެސްޖީއަށް ކުޅޭ ހުނަރުވެރި ޒުވާން މިޑްފީލްޑަރު ޔޮއާއޯ ނޭވޭސް ފަދަ މޮޅު ކުޅުންތެރިން އެބަތިއްބެވެ. ނޭޝަންސް ލީގުގެ ފައިނަލް ކާމިޔާބު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް، ކާރު އެކްސިޑެންޓެއްގައި ޑިއޯގޯ ޖޮޓާ މަރުވުމުން މިދިޔަ އަހަރު ޓީމަށް ބޮޑު ހިތާމައެއް ކުރިމަތިވިއެވެ.

ޕޯޗުގަލްގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ގައި ހިއުސްޓަންގައި ކޮންގޯއާ ދެކޮޅަށެވެ.

ކޮލަމްބިއާ

އެޓޭކިން މިޑްފީލްޑަރު ހޭމްސް ރޮޑްރިގޭޒް މި ސީޒަނުގައި އެމެރިކާގެ މޭޖާ ލީގު ސޮކާގެ މިނެސޮޓާ ޔުނައިޓެޑާ ގުޅުނީ ވޯލްޑް ކަޕްގެ ކުރިން ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.

ރޮޑްރިގޭޒްއަކީ ޓީމުގެ ކެޕްޓަން އަދި އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 6 ލަނޑު ޖަހައިގެން ރަން ބޫޓު ހޯދާފައެވެ. އޭނާ ވަނީ ކޮލަމްބިއާއަށް 31 ލަނޑު ޖަހައިދީފައެވެ.

މިއީ ކޮލަމްބިއާގެ 7 ވަނަ ވޯލްޑް ކަޕެވެ. 2022 ވަނަ އަހަރުގެ މުބާރާތުން އެ ޓީމަށް ފުރުސަތެއް ނުލިބެއެވެ. އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދިއުމެވެ.

ރޭންކިންގެ 13 ވަނައިގައި އޮތް އަދި އާޖެންޓީނާގެ ނެސްޓޯ ލޮރެންޒޯ ކޯޗުކޮށްދޭ ކޮލަމްބިއާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ގައި މެކްސިކޯ ސިޓީގައި އުޒްބެކިސްތާނާ ދެކޮޅަށެވެ.

އުޒްބެކިސްތާން

ރޭންކިންގެ 50 ވަނައިގައި އޮތް އުޒްބެކިސްތާން މިއީ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދަށުގައި އޮތްއިރު އުޒްބެކިސްތާންގެ ޓީމެއް އޮތް ނަމަވެސް، މިނިވަންވުމަށްފަހު ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމަށް އާ ޓީމެއް އެކުލަވާލިއެވެ ."ވައިޓް ވުލްވްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމުގެ ކޯޗަކީ އިޓަލީގެ ފަބިއޯ ކަނަވާރޯއެވެ. އޭނާ މި މަގާމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އެއީ ކުރީގެ ކޯޗު ތިމޫރު ކަޕާޑްޒޭ، އޭޝިއާ ކޮލިފައިންގެ ތިންވަނަ ބުރުގައި އެ ގައުމަށް ވޯލްޑް ކަޕުން ފުރުސަތު ކަށަވަރުކޮށްދިނުމަށްފަހުގައެވެ. ކަނަވާރޯއަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގެ ކެޕްޓަނެވެ.

އުޒްބެކިސްތާނުގެ ކެޕްޓަނަކީ 90 މެޗުން 44 ގޯލު ޖަހާފައިވާ އެލްޑޯރް ޝޮމުރޮޑޯވްއެވެ. އޭނާ މިހާރު ކުޅެމުންދަނީ ތުރުކީގެ ކްލަބެއް ކަމަށްވާ އިސްތަންބޫލް ބަޝަކްޝެހީރަށެވެ.

ކޮންގޯ

ކޮންގޯއިން ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ފަހަރަކީ 1974 ވަނަ އަހަރެވެ. އެއީ އެ ގައުމަށް "ޒަޔަރް" ގެ ނަމުން ކިޔުނު ދުވަސްވަރުއެވެ. އެއީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.

ކޮންގޯ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވީ މެކްސިކޯގެ ގުއަޑަލަހާރާގައި ކުޅުނު ޕްލޭ-އިން މެޗެއްގައި އިތުރު ވަގުތު ކުޅެގެން 1-0 އިން ޖެމެއިކާ ބަލިކޮށްގެންނެވެ. މި ކާމިޔާބީއާއެކު، އެތައް އަހަރެއްގެ ދާހިލީ ހަމަނުޖެހުންތަކެއް ތަހައްމަލުކުރަމުންދާ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެންދިޔައެވެ.

ޓީމުގެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ފަރަންސޭސި ކްލަބް ލިލްއަށް ކުޅޭ އަދި ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޑިފެންޑަރު ޗާންސެލް އެމްބެމްބާ އާއި، ލަ-ލީގާގެ ރިއަލް ބެޓިސްއަށް ކުޅޭ ވިންގަރ ސެޑްރިކް ބަކަމްބޫ ހިމެނެއެވެ.

ދުނިޔޭގެ ރޭންކިންގެ 46 ވަނައިގައި އޮތް ކޮންގޯގެ ކޯޗަކީ ފަރަންސޭސިވިލާތުގެ ސެބަސްޓިއަން ޑެސާބްރޭއެވެ.