އީރާނަށް ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިފައިވަނިކޮށް އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައިފިއެވެ.
އީރާނުން ވަނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިނުލާނަމަ އީރާނުގެ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރަށްފަހު އިސްރާއީލަށް ރޭ ހަމަލާ ދީފައެވެ. އީރާނުގެ މިސައިލް ހަމަލާތަކަށްފަހު އައު އިންޒާރެއް ދެމުން ބުނެފައި ވަނީ ލުބްނާނަށް ދޭ ހަމަލާ ވަގުތުން ހުއްޓައިނުލައިފިނަމަ ''ވޭންދެނިވި'' އިތުރު ހަމަލާތަކާ އިސްރާއީލަށް ކުރިމަތިލާން ޖެހޭނެކަމަށެވެ.
އެއަށްފަހު މިއަދު ހެނދުނު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ވަނީ ވައިގެ މަގުން ފޮނުވާލި ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން އީރާނުގެ ބިމަށް ހަމަލާދީފައެވެ. އީރާނުގެ އައި.އާރު.އެން.އޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާންގެ ހުޅަނގު ސަރަހައްދުން ފަތިހު 4:43 އާއި 4:45 އެހާކަންހާއިރު ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިފައިވެއެވެ. ނަމަވެސް ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފައި ނުވާ ކަމަށެވެ.
އީރާނުގެ ހަމަލާތަކާއި ގުޅިގެން ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ގުޅުއްވައި އީރާނާއެކު އެއްބަސްވުމަކާއި ވަރަށް ގާތްވެފައިފާކަމަށް ވިދާޅުވެ، އީރާނަށް ރައްދު ނުދިނުމަށް އެދިވަޑައިގެންފައެވެ. އަދި ނަތަންޔާހޫ ވަނީ އެކަމަށް އެއްބަސްވެފައެވެ.
ނަމަވެސް އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ވެވިދާނެ ސުލްހައިގެ އެއްބަސްވުމަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ޓްރަމްޕަށް ވަނީ އުނދަގޫ ހާލަތަކާއި ކުރިމަތިވެފައެވެ. ޓްރަމްޕް އުއްމީދު ކުރައްވަމުން ގެންދެވީ މި ހަމަލާތަކަކީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ދެގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކެކޭ އެއްފަދައިން، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސްލަހަތު ފިނިވެގެންދާނެ ކަމެއް ކަމަށެވެ.
ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެމެދު ދެކެވުނު ވާހަކަތަކުގައި، އިސްރާއީލުގެ ސިޔާސީ މަސްލަހަތު ހުރިގޮތުން ނަތަންޔާހޫއަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. ޓްރަމްޕް ވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އެ އުއްމީދުތަކަށް ވަނީ ހިޔަނި އެޅިފައެވެ.
މިދިޔަ މާރިޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,613 މީހުން މަރުވެ، 11,072 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެންމެ ފަހުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައިވެސް ދެ މީހަކު މަރުވެ 20 މީހުން ވަނީ ޒަޚަމްވެފައެވެ.
"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!