ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ ހިސާބު ޢިލްމުގެ ބޮޑު މުބާރާތެއް ކަމަށްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައި.އެމް.އެސް.އޭ) އިން ދިވެހި ދަރިވަރުން ތާރީޚީ ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ.

ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 'MathsThroughStories.org' އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރެވެ.

Ad
rt

ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް މުބާރާތަކީ، ޢުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން ހިސާބުގެ ތަޞައްވުރުތައް ދައްކުވައިދިނުމަށް ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ. 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުގައި 34 ޤައުމަކުން ދަރިވަރުން ބައިވެރިވިއިރު، ރާއްޖެއިން 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، އާބާދީގެ ނިސްބަތުން އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.

މި ކާމިޔާބީގެ ފަހަތުގައި ތަޢުލީމީ ވުޒާރާއާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ކުރި މަސައްކަތްތައް ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު އުނގަންނައިދޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުވުން ހިމެނެއެވެ. މީގެ އިތުރުން، މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވަނީ ދިވެހި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވާފައެވެ.

ތަޢުލީމީ ވުޒާރާއިން ބުނި ގޮތުގައި، މި ތާރީޚީ ކާމިޔާބީން ހާމަކޮށްދެނީ މުއައްސަސާތަކުގެ އެއްބާރުލުމާއެކު ދިވެހި ދަރިވަރުންގެ ހުނަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރުވައި، ދުނިޔޭގެ މިންގަނޑުތަކާ ވާދަކޮށް ކުރިހޯދޭނެ ކަމެވެ.

މިއީ ރާއްޖޭގެ ހިސާބު ޢިލްމު ކިޔަވައިދިނުމުގެ އުފެއްދުންތެރިކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެއްގެ ގޮތުގައި މުޅި ޤައުމުން ފާހަގަކުރާ ފަޚުރުވެރި ކާމިޔާބީއެކެވެ.