މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާންގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނުތައް ހެދުމަށް ކުރިން ހަމަޖެއްސި ބޭސް ކޭމްޕް، އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްފައިވާ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ފީފާގެ ހުއްދައާއެކުގައެވެ.

އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްތަންބޫލްގައި ފީފާގެ އޮފިޝަލުންނާއެކު ބޭއްވުނު ބައްދަލުވުންތަކާއި، ތެހެރާންގައި ތިބެގެން ފީފާގެ ސެކްރެޓަރީ ޖެނެރަލްއާއެކު ބޭއްވި ވެބިނާ ބައްދަލުވުމަކަށްފަހު، ބޭސް ކޭމްޕް ބަދަލުކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ. ނަމަވެސް، ފީފާއިން އަދި ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Ad
rt

ކުރިން ހަމަޖެހިފައި އޮތީ އީރާން ޓީމުން އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކޭމްޕް ކުރުމަށެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި މި ބަދަލު ގެނައުމަށް އީރާނުން ނިންމީއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އީރާން ޓީމު ބޭސް ކުރާނީ ސެން ޑިއޭގޯއާ ކައިރީގައި އޮންނަ މެކްސިކޯގެ ޓިޖުއާނާގައެވެ.

މި ބަދަލާ ގުޅޭގޮތުން މަހްދީ ތާޖް އިތުރަށް ވިދާޅުވީ، ޓިޖުއާނާގައި ޓީމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި ތަމްރީނު ކުރާނެ ދަނޑުތަކާއި، ޖިމް އަދި ޕްރައިވެޓް ރެސްޓޯރަންޓްތައް ހިމެނޭ ކަމަށެވެ. އަދި މެކްސިކޯއިން އެމެރިކާއަށް އެތެރެވުމަކީ ވިސާގެ މައްސަލަތަކަށް ލިބޭނެ ލުޔެއް ކަމަށާއި، އީރާން އެއާގެ ފްލައިޓްތަކުގައި ޓީމަށް ދަތުރުކުރުމުގެ ފުރުސަތު ވެސް މީގެ ސަބަބުން ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނެނީ ގްރޫޕް 'ޖީ' ގައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް ކެލިފޯނިއާގެ އިންގްލެވުޑްގައި ކުޅޭއިރު، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އީރާން ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.