އެމެރިކާގެ ދެ އެއާލައިނަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ސްޕިރިޓް އެއާލައިންސްގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ ދިމާކޮށް ޑެލްޓާ އެއާލައިންސްގެ އެތައް ސަތޭކަ ފްލައިޓެއް ކެންސަލް ކުރަން ޖެހިއްޖެއެވެ.
ސްޕިރިޓް އެއާލައިންސް އިން މޭ މަހުގެ 2 ވާ ހޮނިހިރު ދުވަހު ވަނީ އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކެއް ވަގުތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. އެ އެއާލައިން ހުއްޓާލީ އެއާލައިނާއި، ބޮންޑް ހޯލްޑަރުން އަދި ފެޑަރަލް އޮފިޝަލުންނާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމަށްފަހުއެވެ. މިއާއެކު އެ އެއާލައިންގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްވެ، ކަސްޓަމަރުންނަށް ދެމުންދިޔަ ހިދުމަތްތައް ވެސް ވަނީ މުޅިން ހުއްޓާލާފައެވެ.
މި ހާލަތާ ދިމާކޮށް، އެމެރިކާގެ އެންމެ އިތުބާރު ހުރި އެއާލައިންގެ ގޮތުގައި ބެލެވޭ ޑެލްޓާ އެއާލައިންސް އިން ވެސް ދަނީ ފާއިތުވި ދެ ދުވަހު އެތައް ސަތޭކަ ފްލައިޓެއް ކެންސަލް ކުރަމުންނެވެ. ޑެލްޓާގެ ފްލައިޓްތައް ކެންސަލްވާ ރޭޓް މިހާރު ހުރީ ގާތްގަނޑަކަށް 6 އިންސައްތައިގައެވެ. މިއާ ހިލާފަށް އެމެރިކަން އެއާލައިންސް، ޔުނައިޓެޑް އަދި ސައުތުވެސްޓް ފަދަ އެއާލައިންތަކުގެ އޮޕަރޭޝަންތައް އެއްވެސް މައްސަލައެއް ނެތި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ޑެލްޓާ އެއާލައިންސްގެ ފްލައިޓްތައް މިހާ ގިނައިން ކެންސަލްވާން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. މޫސުން ރަނގަޅުވެފައި، ޓެކްނޮލޮޖީގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާއިރު، ޕައިލެޓުން ބަލިވެގެން ސަލާމް ބުނުން ފަދަ ކަމެއް ވެސް ހިނގާފައި ނުވާކަން އޭވިއޭޝަން ވޮޗްޑޮގްތަކުން ކަށަވަރުކޮށްދެއެވެ.
ބެލެވޭ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ އެއާލައިންގެ އެތެރޭގެ ކްރޫ ޝެޑިއުލިންގް އަށް ދިމާވި މައްސަލައަކުންނެވެ. ހަފުތާގެ ކުރީކޮޅު މޫސުން ގޯސްވުމުގެ ސަބަބުން ޕައިލެޓުންގެ ސީކުއެންސްތަކަށް ބުރޫއަރައި، މުޅި ޝެޑިއުލް އަލުން ތަރުތީބު ކުރަން ޖެހުމަކީ މީގެ ސަބަބެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން، ޝެޑިއުލިންގް ޑިޕާޓްމަންޓަށް އަލަށް ގުޅުނު ތަޖުރިބާ މަދު މުވައްޒަފުންނަށް މިފަދަ ހާލަތްތައް މެނޭޖްކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ހާލަތުގެ ސަބަބުން ޑެލްޓާ އެއާލައިންސްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް، އޮޕަރޭޝަންތައް މުޅިން ހުއްޓާލާފައިވާ ސްޕިރިޓް އެއާލައިންސްއާ އެއްވަރަށް ޑެލްޓާގެ ފްލައިޓްތައް ކެންސަލްވަމުން ދިއުމަކީ އެއާލައިންގެ އަބުރަށް ލިބޭ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި އިންޑަސްޓްރީގެ މާހިރުން ސިފަކުރެއެވެ.
ސްޕިރިޓް އެއާލައިންސް ހުއްޓާލަން ޖެހުމާއި އެމެރިކާ އިސްވެ ކުރާ ހަނގުރާމަތަކާއި، އެމެރިކާއިން ވާގިވެރިވެގެން މެދުއިރުމަރީގައި ކުރާ ހަނގުރާމަތަކާއި ވެސް އޮތީ ގުޅިފައެވެ. އެހެންކަމުން ޓްރަމްޕް ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އިތުރު އެއާލައިނެއް ބަނގުރޫޓްވުމުގެ މިހާރު އޮތީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!