''ބަނީ އިސްރާއީލް ވަންހައިގެ ގެއްލިފައިވާ ދަރިކޮޅަކަށް ނިސްބަތްވާ ކަމަށް ބުނެ'' އިންޑިއާގެ 250 އަށް ވުރެ ގިނަ މީހުން، އިޒްރޭލު ސަރުކާރުގެ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ބުރާސްފަތި ދުވަހު ތެލް އަވީވަށް ގެންގޮސްފިއެވެ.

މި މީހުންނަށް މަރުޙަބާ ކިޔުމަށް އެއާޕޯޓުގައި އިޒްރޭލުގެ ދިދައިގެ ކުލަތައް ކަމަށްވާ ނޫއި ހުދު ކުލައިގެ ފުއްޕާހަންތަކުން ގޭޓެއް ހަދާފައި ހުއްޓެވެ. އަދި އެތަނަށް އެއްވެ ތިބި މީހުން ވަނީ ޔަހޫދީންގެ ސަގާފީ ލަވަތަކުން އެމީހުންނަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

މިއީ އިންޑިއާގެ އިރުއުތުރުގެ މަނީޕޫރު ސްޓޭޓަށް ނިސްބަތްވާ "ބްނޭ މެނާޝޭ" ނުވަތަ "ސަންސް އޮފް މެނާޝޭ" ޖަމާއަތުގެ މީހުންނެވެ. މަނީޕޫރުގައި ދިރިއުޅޭ މި ޖަމާއަތުގެ ގާތްގަނޑަކަށް 4,600 މީހުން އިޒްރޭލަށް ހިޖުރަކުރުވުމަށް އެ ގައުމުގެ ސަރުކާރުން ނޮވެމްބަރު މަހު ނިންމި ނިންމުމަށްފަހު، މިއީ އެ ގައުމަށް ދިޔަ ފުރަތަމަ ގްރޫޕެވެ.

މި ޖަމާއަތުން ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ މީލާދީގެ 720 އަހަރު ކުރިން އައްސޫރީންގެ އިސްތިއުމާރުގައި ބަނީ އިސްރާއީލުގެ ގެއްލުނު ދަރިކޮޅުތަކުގެ ތެރެއިން "މެނާޝޭ" ގެ ދަރިކޮޅުން އައިސްފައިވާ ބައެކެވެ. އެމީހުންގެ ދޫދޫމަތިން ކިޔައިދޭ ތާރީޚު ބުނާގޮތުން، އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި އެމީހުން ވަނީ އީރާނާއި، އަފްޣާނިސްތާނާއި، ތިބެޓް އަދި ޗައިނާގެ ތެރެއިން ދަތުރުކޮށް އިންޑިއާއަށް ގޮސްފައެވެ.

އިޒްރޭލުގެ އެއާޕޯޓުން މި މީހުންނާ ބައްދަލުކުރި އިމިގްރޭޝަން މިނިސްޓަރު އޮފީރު ސޯފާ ބުނީ، މިއީ ތާރީޚީ ވަގުތެއް ކަމަށެވެ. އަދި މިއީ މުޅި ޖަމާއަތް ހިޖުރަކުރުވުމަށް ފެށި އޮޕަރޭޝަނެއް ކަމަށާއި، އަހަރަކު 1,200 މީހުން ގެނައުމަށް ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ.

''ގެއްލިފައިވާ ދަރިކޮޅުތައް'' ނަމުގައި އިޒްރޭލަށް ބައިބޯކުރުމުގެ މަސައްކަތްކުރާ "ޝަވޭ އިސްރޭލް" ޖަމާއަތުން ބުނާ ގޮތުގައި، 1990 ގެ އަހަރުތަކުން ފެށިގެން ބްނޭ މެނާޝޭ ޖަމާއަތުގެ 4,000 އެއްހާ މީހުން ވަނީ އިޒްރޭލަށް ހިޖުރަކޮށްފައެވެ. އަދި އިންޑިއާގައި އަދިވެސް މިފަދަ 7,000 މީހުން އެބަތިއްބެވެ.

އިންޑިއާގައި މި މީހުންނަކީ 19 ވަނަ ގަރުނުގައި ކްރިސްޓިއަން ދީނަށް ބަދަލުވެފައިވާ ބައެކެވެ. ނަމަވެސް، އިޒްރޭލުގެ ރަށްވެހިކަން ހޯދުމަށްޓަކައި އެމީހުން ޔަހޫދީ ދީނަށް ބަދަލުވާން ޖެހެއެވެ. މިފަހަރު ދިޔަ 250 މީހުން ވަޒަންވެރިކުރުވުމަށް ހަމަޖެހިފައިވަނީ އިޒްރޭލުގެ އުތުރު ސަރަހައްދުގައެވެ.

މި މީހުން އިޒްރޭލަށް ހިޖުރަކޮށްފައި މިވަނީ، އެމީހުން ކުރިން ދިރިއުޅުނު މަނީޕޫރުގައި ހިންދޫންނާއި ކްރިސްޓިއަނުންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހު އެ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 18,000 އަށް ވުރެ ގިނަ ޔަހޫދީން ވަނީ އިޒްރޭލަށް ހިޖުރަކޮށްފައެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 އިންސައްތަ ދަށް އަދަދެކެވެ.

އިޒްރޭލަކީ ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން ހަދާފައި ބާތިލް ދައުލަތެކެވެ. އެމީހުން ގައުމަށް ބައިބޯކޮށްފައި ވަނީ މިގޮތަށް މީހުން ގެންގޮސްގެންނެވެ.