ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ.

ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު އެއްވެސް ފްލެޓެއް އަޅާފައެއް ނުވެ އެވެ.

Ad
rt

އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖެ ގެނެސް, ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން އޭނާގެ. މައްޗަށް ކުރި އެވެ.

އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކްރިމިނަލް ކޯޓުންހުކުމްކުރީ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ގަސްދުކުރާ ކަމަށެވެ.