ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ 'ރިކޯލް ވޯޓު' ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނީ އިންތިޚާބުކުރާ މެންބަރުން ދައުރުގެ ތެރޭގައި ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ކަމަށެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް އަދި ދުނިޔޭގައި މިކަން ކާމިޔާބުކަމާއެކީ ތަންފީޒުކޮށްފައިހުރި ޤައުމުތަކުގައި ކަންކުރާ ގޮތް ބައްލަވައި، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ،" ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅޭ ފަންނީ މަޝްވަރާތައް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އިންތިޚާބުތަކުގެ ނިޒާމަށް ގެންނަން ގަސްދުކުރާ ބަދަލުތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމް ތަޢާރަފުކުރުމަކީ ގުޅިފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންތިޚާބީ ނިޒާމަށް ބަދަލެއް ގެންނައިރު، އެކަމަކީ ކުރިމަގުގައި ވެރިކަމުގެ ނިޒާމަށް އަންނަ ހީނަރުކަމަކަށް ވާން ބޭނުންފުޅުނުވާކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސަކު ހޮވޭގޮތަށް ބަދަލުކުރާނަމަ، އެކަން ކުރަންވާނީ އެއްވެސް ސުވާލެއް ނުއުފެދޭނޭ ފަދަ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެފަދަ ނިޒާމެއް ޤާއިމުކުރެވޭނީ ރައްޔިތުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!