ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އިމާރާތްކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.

Ad
rt

މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީއަކީ އެ ސަރަހައްދުގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މި ފެސިލިޓީގައި ޕްރައިވެޓް ރޫމްތަކާއި، 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން، ބޭނުންޖެހިއްޖެ ހާލަތެއްގައި ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހިމެނޭނެއެވެ.

އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އެޅުމުގެ އިތުރުން، ކޭއާރުއެޗުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އަލަށް ތަރައްޤީކުރި އިމަރޖެންސީ ރޫމް (އީއާރު) މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ތަންތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

އަލަށް ހުޅުވި ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއެކު، އެ ހޮސްޕިޓަލުގައި އެއްފަހަރާ 9 މީހުންނަށް ޑައިލިސިސްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އައު އިމަރޖެންސީ ރޫމްގައި 6 އެނދާއެކު ޚިދުމަތްތައް ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ހޮސްޕިޓަލެކެވެ. މިއަދު އިފްތިތާޙްކުރެވުނު މި ޚިދުމަތްތަކަކީ އެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއްގެ ބައެކެވެ.