ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފެށި ފުރަތަމަ ދުވަހު އެކަނިވެސް 11 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފައެވެ.

Ad
rt

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ އެމްއޭސިއެލްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން މި ފޭސްގެ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިވާއިރު، މި ސަރަހައްދު ހިއްކުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ސެޕްޓެމްބަރު 2023 ގައެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ބިން ދޫކުރުން، ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް 3 އިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެކި ސައިޒުގެ ގޯތިތައް ހިމެނެއެވެ. އެގޮތުން 1650 އަކަފޫޓުގެ 181 ގޯތި، 2050 އަކަފޫޓުގެ 242 ގޯތި، އަދި 2450 އަކަފޫޓުގެ 132 ގޯތި ހިމެނެއެވެ.

މީގެ އިތުރުން 2850 އަކަފޫޓުގެ 62 ގޯތި، 3250 އަކަފޫޓުގެ 41 ގޯތި، 3650 އަކަފޫޓުގެ 16 ގޯތި އަދި އެންމެ ބޮޑެތި ގޯތިތަކުގެ ގޮތުގައި 4000 އަކަފޫޓުގެ 24 ގޯތި ހިމެނޭހެން ބިންތައް ވަނީ ކަނޑައަޅާފައެވެ.

މިތަނުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި އޮންނަ ސަރަހައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.