އެމެރިކާ އާއި އިސްރާއީލް ގުޅިގެން ހުޅަނގާއި އަރަބި ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އީރާނުން ކާމިޔާބު ކުރަމުންދާ ސަބަބު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ކިޔައިދެއްވައިފިއެވެ.
25 މާރިޗު 2026 ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަންޗޭޒް ވިދާޅުވީ، މިހާރު ކުރިމަތިލާން ޖެހިފައިވަނީ 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމައަށްވުރެ މާ ނުރައްކާތެރި ހާލަތަކާ ކަމަށެވެ.
އީރާނުގެ ދިފާއީ ވަރުގަދަކަން
ބޮޑުވަޒީރު ސަންޗޭޒް ފާހަގަކުރެއްވި ގޮތުގައި، އީރާނުން މިފަދަ ހަނގުރާމައަކަށް ތައްޔާރުވަމުން އަންނަތާ މިހާރު 40 އަހަރު ވެއްޖެއެވެ. އޭނާ ވިދާޅުވީ އީރާނަކީ އެންމެ ވެރިއެއްގެ މައްޗަށް ބިނާވެފައި އޮތް ގައުމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑަށް މުއައްސަސާ ކުރެވިފައިވާ "ފޯޓްރެސް ސްޓޭޓް" އެއް ކަމަށެވެ. 1979 ވަނަ އަހަރުން ފެށިގެން އީރާނުން ބިނާކޮށްފައިވާ ލާމަރުކަޒީ ދިފާއީ ނިޒާމާއި، ބިމުގެ އަޑީގައިވާ މިސައިލް ސިޓީތަކުގެ ސަބަބުން، ހަމައެކަނި ބޮން އެޅުމަކުން އެ ގައުމުގެ ހަނގުރާމަ ކުރުމުގެ ގާބިލުކަން ނައްތާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގްތިސާދީ ބޮޑު ބިންހެލުމެއް
މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދީ ނިޒާމު އިނދަޖެހެމުންދާ ކަމަށް ސަންޗޭޒް އިންޒާރު ދެއްވިއެވެ. "މެދުއިރުމައްޗަށް ވެއްޓޭ ކޮންމެ ބޮމެއްގެ ނަތީޖާ އަމާޒުވަނީ އަހަރެމެންގެ އާއިލާތަކުގެ ޖީބަށެވެ،" ސަންޗޭޒް ވިދާޅުވިއެވެ.
ސްޕެއިންގައި ތެލުގެ އަގު 50 އިންސައްތަ އުފުލިފައިވާއިރު، ގޭބިސީތައް ރައްކާތެރިކުރުމަށްޓަކައި 5 ބިލިއަން ޔޫރޯގެ "ސޯޝަލް ޝީލްޑް" އެހީގެ ޕެކޭޖެއް އޭނާ ވަނީ އިއުލާނު ކުރައްވާފައެވެ.
ސްޕެއިންގެ މިނިވަން ސިޔާސަތު
އެމެރިކާގެ ސިޔާސަތުތަކަށް ސީދާ ގޮންޖައްސަވަމުން، ސްޕެއިންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ކަމަށްވާ ރޮޓާ އަދި މޮރޯން، އީރާނާ ދެކޮޅަށް ކުރާ އެއްވެސް އޮޕަރޭޝަނެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ސަންޗޭޒް ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވީ ސްޕެއިންއަކީ ޔޫރަޕްގެ މިނިވަން އަޑު ކަމަށާއި، ބޭރުގެ ބާރުތަކުން ކުރާ އިންޒާރުތަކަށް ފަސްނުޖެހޭނެ ކަމަށެވެ.
"ޣައިރު ގާނޫނީ އުދުވާންތަކުގައާއި، މިނިވަންކަމުގެ ނަމުގައި ހަދާ އިތުރުފުޅުތަކުގައި ސްޕެއިން ބައިވެރިއެއް ނުވާނެ، އަދި އަހަރެން ބޮޑުވަޒީރުކަމުގައި ހުރިހާ ހިނދަކު އެކަމެއް ނުވެސް ވާނެ." ސަންޗޭޒް ޕާލަމެންޓުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!