ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް ތާއީދު ކުރަށްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް މި ތާއީދު އިޢުލާނު ކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޤާސިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، ޚިދުމަތްތެރި އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީންވާ ކަމަށެވެ. މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، ޤައުމީ ޝަރަފްގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅެއްކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޖަލީލް ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅު ޤާސިމް ފާހަގަކުރެއްވިއެވެ.

"ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ،" ޤާސިމް ވިދާޅުވިއެވެ.


މީގެ އިތުރުން މޫސާ ޖަލީލަކީ އެކި ސަރުކާރުތަކުގައި މަތިކުރެއްވި ކޮންމެ ޒިންމާއެއްވެސް ތެދުވެރިކަމާއެކު އަދާކުރައްވާފައިވާ، ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ޚުލްޤު ހެޔޮ ޝަޚްޞިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް ވަނީ މާލެ ސިޓީ ހިންގުމަށް މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ރައްޔިތުން، މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.