ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފާޠިމަތު ރީމާއެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، ފާޠިމަތު ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ. މި މައްސަލާގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށެވެ.

މި ހާދިސާގައި ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.