ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ބޭރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަކުލް ކޭ ސީ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލައިގެ އިތުރުން، ނަކުލް ކޭ ސީއާ ގުޅުންހުރި މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އީމެއިލް އާއި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ބޭންކަށް ރިޕޯޓުކޮށް ކާޑު ބްލޮކްކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ ޕްލެތްފޯމަށާއި ފުލުހުންނަށް ރިޕޯޓުކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރާއިރު ރައްކާތެރިވުމުގެ ގޮތުން، ޝޮޕިންގއަށް ވަކި ހާއްސަ އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ގޮތްތައް ބޭނުންކުރުމަށް ފުލުހުން ލަފާދެއެވެ. މީގެ އިތުރުން، އެޕްލިކޭޝަންތައް ޑައުންލޯޑުކުރާއިރު ރަސްމީ ސްޓޯރުތައް ބޭނުންކުރުމަށާއި، އޮންލައިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!