އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ ވެރިކަން އެ އާއިލާގެ ހަތަރުވަނަ ޖީލަކަށް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެމަނިކުފާނުގެ ފުރާވަރުގެ ދަރިކަނބަލުންނަކީ ގައުމުގެ ކުރިމަގުގެ ލީޑަރުގެ ގޮތުގައި ކަނޑައެޅުމާ ގާތްވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަކޮށްފިއެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެން.އައި.އެސް) އިން މިފަދަ ވަޒަންކުރުމެއް ހާމަކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދިން މައުލޫމާތުތަކެއްގައެވެ.

Ad
rt

މި މައުލޫމާތުތައް ހާމަކޮށްފައިވަނީ މި މަހުގެ ފަހުކޮޅު އުތުރު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ އެންމެ ބޮޑު ސިޔާސީ ކޮންފަރެންސްގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. މި ކޮންފަރެންސްގައި ކިމް ޖޮންގް އުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތައް އިއުލާނުކުރައްވައި، އޭނާގެ ބާރުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ބެލެވެއެވެ. ސިއްރު ބައްދަލުވުމެއްގައި އެން.އައި.އެސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ކިމްގެ ދަރިކަނބަލުން ކިމް ޖޫ-އޭ ވޯކާސް ޕާޓީގެ ކޮންގްރެސްގައި ބައްޕާފުޅާއެކު ފެނިގެންދާނެތޯ އެ ފަރާތުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ސިޔާސީ މައިދާނަށް ނުކުތުން

އުމުރުން ގާތްގަނޑަކަށް 13 އަހަރުގެ ޖޫ-އޭ އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް ފެނިގެންދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ދުރު ރާސްތާ މިސައިލް ޓެސްޓެއްގައެވެ. އޭގެ ފަހުން ހަތިޔާރު ޓެސްޓުކުރުމާއި، އަސްކަރީ ޕެރޭޑްތަކާއި، ކާރުޚާނާތައް ހުޅުވުން ފަދަ ގިނަ ހަރަކާތްތަކެއްގައި އޭނާ ވަނީ ބައްޕާފުޅާއެކު ބައިވެރިވެފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި ސަމިޓަށް ކިމް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ޖޫ-އޭ ބައިވެރިވިއެވެ.

އޭނާގެ ސިޔާސީ ކުރިމަގާ މެދު އޮތް ޝައްކުތައް އިތުރަށް ބޮޑުވެގެންދިޔައީ، މިދިޔަ އާ އަހަރުގެ ދުވަހު ޕިއޮންގްޔަންގްގެ ކުމްސޫސަން ޕެލަސް އޮފް ދަ ސަން އަށް އާއިލާއާ އެކު ކުރި ޒިޔާރަތަށް ފަހުގައެވެ. އެއީ އޭނާގެ ކާފާފުޅާއި މުނިކާފާފުޅުގެ ހަށިކޮޅުތައް ރައްކާކުރެވިފައިވާ މުގައްދަސް ތަނެކެވެ. ބައެއް މާހިރުން ދެކޭ ގޮތުގައި މިއީ އުމުރުން 42 އަހަރުގެ ކިމްގެ ވަލީއަހުދަކަށް ޖޫ-އޭ ހަމަޖައްސަވާފައިވާކަމުގެ އެންމެ ސާފު ހެއްކެވެ.

ދެކުނު ކޮރެއާގެ ތަސައްވަރު ބަދަލުވުން

މީގެ ކުރިން ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ، އުތުރު ކޮރެއާގެ ސަގާފަތާއި ފިރިހެނުން އިސްކޮށް ތިބޭ ވެރިކަމުގެ ނިޒާމުގެ ސަބަބުން، އަންހެން ކުއްޖަކު ލީޑަރަކަށް ވެދާނެ ކަމާމެދު ޝައްކު އުފައްދާފައެވެ. ނަމަވެސް، ދައުލަތުގެ މީޑިއާތަކުން އޭނާއަށް ދޭ އަހައްމިއްޔަތު އިތުރުވަމުން ދިއުމާއެކު، މިހާރު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އެން.އައި.އެސް އިން މީގެ ކުރިން ބުނެފައިވަނީ ޖޫ-އޭ ދަނީ "ވާރިސަކަށް ވުމުގެ ތަމްރީނުތައް" ފުރިހަމަކުރަމުން ކަމަށެވެ.

ނަމަވެސް މިހާރު އެ އިދާރާއިން ބޭނުންކުރަނީ "successor-designate stage" ނުވަތަ ވާރިސަކަށް ކަނޑައެޅިފައިވާ މަރުހަލާގެ ލަފުޒެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ލީ ސިއޮންގްވުން ފާހަގަކުރެއްވިއެވެ. ކިމްގެ ދަރިކަނބަލުންނާ ބެހޭ ގޮތުން އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. ދައުލަތުގެ މީޑިއާތަކުން އޭނާގެ ނަން ދުވަހަކުވެސް ހާމަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް މުޚާތަބުކުރަނީ "އިއްޒަތްތެރި" ނުވަތަ "އެންމެ ލޯބިވާ" ދަރިފުޅުގެ ނަމުންނެވެ.